މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ފިރިހެނެއް ކަމަށާއި، މިމީހާ ހައްޔަރުުކޮށްފައިވަނީ ފޭދޫގައި މަސްތުވާތަކެތި ބޭނުންކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޖުލައި 3 ވަނަ ދުވަހުގެ 19:15 ހާއިރު ހިންގި އޮޕަރޭޝަނުގައި އެރަށު ފަސްގަނޑު ސަރަޙައްދުން ކަމަށެވެ.
"ފުލުހުން މިމީހާ ހުއްޓުވި ވަގުތު ބިންމައްޗަށް އެއްޗެއް ވައްޓާލިތަން ފެނުމާއި ގުޅިގެން، އެމީހާގެ ހާޟިރުގައި އެނަގައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅަކާއި ދެ ރަބަރު ޕެކެޓް ފެނިފައިވޭ." ފުލުހުން ވިދާޅުވިއެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމު އައްޑޫ ސިޓީ ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން ވަނީ 5 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ.
މި މައްސަލަ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން އިތުރަށް ތަޙުޤީޤު ކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.



