ލުޠުފީ މައްސަލަ: ރައީސް ވިދާޅުވި ބަންޑާރަނައިބުގެ ލިޔުން ލިބިއްޖެ، ޑިފެންސްގެ ލިޔުން ނުލިބޭ

18 ދިވެހިން ޝަހީދުކޮށްލި އުދުވާނީ ހަމަލާގެ މޭސްތިރިޔާ، ހ.ހާޖަރާގޭ ޢަބްދުﷲ ލުޠުފީގެ ރާއްޖެ ގެނައުމަށްޓަޖައު ބޭނުންވާ ލިޔުންތަކުގެ ތެރެއިން ނުލިބެނީ އސްރީލަންކާގެ ޑިފެންސް މިނިސްޓްރީން ދޫކުރާ ލިޔުންކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޝައިޚް އިމްރާން ޢަބްދުﷲ މިހެން ވިދާޅުވެފައިވަނީ ލުޠުފީ ރާއްޖެ ނުގެނެވި ލަސްވަމުންދާ މައްސަލައިގައި ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ލުޠުފީ އަނބުރާ ރާއްޖެ ގެނައުމަށް ސްރީލަންކާގެ ވަކިވަކި މުއައްސަސާތަކުންއެއްވެސް ހުރަހެއް ނެތަކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

"މިއަދާ ހަމައަށް އައިއިރުގައި ސްރީލަންކާގެ ވަކިވަކި މުއައްސަސާތަކުން ލުޠުފީ އަނބުރާ ރާއްޖެ ގެނައުމަށް އެއްވެސް ހުރަހެއް ނެތަކަމަށް އަޅުގަނޑުމެންނަށް މަޢުލޫމާތު ދެއްވާފައި. އެހެންނަމަވެސް މިހާރު މަޑުކޮށްގެން މިތިބީ ލަންކާގެ މިނިސްޓްރީ އޮފް ޑިފެންސް އިން ލިބެންޖެހޭ ޚާއްޞަ ހުއްދަ (ނުލިބިގެން)." ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

ހޯމް މިނިސްޓަރ ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހު ރައީސް ވިދާޅުވި ލަންކާގެ ބަންޑާރަނައިބުގެ ފަރާތުން ލިބެންޖެހޭ ލިޔުން މިހާރު ލިބިފައިވާ ކަމަށާއި، ޑިފެންސްގެ ލިޔުން ލިބުނުހާ އަވަހަކަށް އެންމެ އަވަސް ފްލައިޓަކުން ރާއްޖެ ގެންނަވާނެކަމަށެވެ.

ހޯމް މިނިސްޓަރ އިތުރަށް ވިދާޅުވީ، ލުޠުފީ އެމްބަސީއަށް ވަތް ހިސާބުން އާއްމުންނަށް މަޢުލޫމާތު ހިއްސާނުކުރެއްވީ، އެވަގުތަކީ ލަންކާގައި ހިތާމަވެރި ހާދިސާއެއް ހިނގައިގެން އުޅޭ ދުވަސްވަރެއްކަމުން އެކަމުގެ މަޢުލޫމާތު އާއްމުކުރުމުން މަސައްކަތަށް ހުރަސް އެޅިދާނެތީ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ