ފައިދާ ދަށްވެ އެމްޓީސީސީގެ ފައިދާ ނުބަހަން ނިންމައި

މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ފައިދާ ބޮޑުތަނުން ދަށްވެފައިވާތީ، ވޭތުވެދިޔަ އަހަރުގެ ފައިދާއިން ހިއްސާދާރުންނަށް ހިއްސާގެ ފައިދާ ނުބަހަން ނިންމައިފިއެވެ.

ހިއްސާދާރުންނަށް ހިއްސާގެ ފައިދާ ނުބަހަން ނިންމާފައިވަނީ، ރޭ ހޮޓެލް ޖެންގައި ބޭއްވި އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި، ޑިރެކްޓަރުންގެ ބޯޑުން ހުށަހެޅި ހުށަހެޅުމަށް، ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 97.80 އިންސައްތަ ހިއްސާދާރުންގެ ވޯޓާ އެކުގައެވެ.

ސަރުކާރާއި އާއްމު ރައްޔިތުން ހިއްސާވާ ކުންފުނި، އެމްޓީސީސީ އިން ބުނީ ކުންފުނީގެެ ފައިދާ ދަށްވެފައިވަނީ، އެ ކުންފުނީގެ މައިގަނޑު އެއް މަސައްކަތް ކަމަށްވާ ދަތުރުފަތުރުގެ ދާއިރާއާއި، މަހާޖައްރާފު ގަތުމަށް ނަގާފައިވާ ލޯނު ފައިނޭންސް ކުރުމުގެ ހަރަދު ބޮޑުވުމާއި ގުޅިގެން ކަމަށެވެ. އަދި ކުންފުނިން ކުރި ޚަރަދާ އެކަށީގެން ނުވާ ކުޑަ އަގެއްގައި ބިން ހިއްކުމުގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ސަރުކާރުން ފިއްތުންތައް ކުރިމަތި ކުރުވާފައިވާތީ މާލީ ޚާލަތު އިތުރަށް ގޯސްވި ކަމަށް އެކުންފުނިން ބުންޏެވެ.

2017 ވަނަ އަހަރު އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި 145 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ 2018 ވަނަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 34.27 މިލިއަން ރުފިޔާއެވެ. އެއީ ކުރީ އަހަރާ އަޅާބަލާއިރު 111 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.

ރޭގެ އަހަރީ ޢާއްމު ޖަލްސާގައި ނިންމާފައިވާ މުހިންމު ކަންތައްތަކުގެ ތެރޭގައި މިއަހަރު ކުންފުނި އޮޑިޓް ކުރުމަށް 400،262ރ އަށް ޕްރައިސް ވޯޓާ ހައުސް ކޫޕާސް ކަނޑައަޅައި، 2018 ވަނަ އަހަރުގެ އެކުންފުނީގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ އާއި 2018 ވަނަ އަހަރުގެ ބެލެންސް ޝީޓާއި މާލީ ތަފާސް ހިސާބުތައްވެސް ހިއްސާދާރުންގެ އަގުލަބިއްޔަތުން ވަނީ ފާސްކޮށްފައެވެ.

މީގެ އިތުރުން އެމްޓީސީސީގެ ބޯޑުގައި އާންމު ހިއްސާފަދާރުން ތަމްސީލުކުރާނެ ދެ ޑިރެކްޓަރުންގެ ގޮތުގައި ފަތުހުﷲ އިސްމާއިލް އާއި އަހުމަދު އަބޫބަކުރު ވަނީ އިންތިހާބުކޮށްފިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ