އެމްއެމްޕީއާރްސީގެ ނަމުގައި އެކިފަރާތްތަކުން ދޫކޮށްފައިވާ ޗެކްތައް އެސްއޯއެފްގެ އެކައުންޓަށް ޖަމާކުރި މައްސަލާގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ 38 މުވައްޒަފުން ޝާމިލްވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން އޭސީސީގެ ރައީސް މުޢައްވިޒު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ޗެކުތައް އެސްއޯއެފްގެ އެކައުންތަކަށް ޖަމާކުރުމުގައި ޝާމިލްވި މުވައްޒަފުންގެ ތެރޭގައި ބީއެމްއެލްގެ އެންމެ ދަށް ފަންތީގެ މުވައްޒަފުން ފެށިގެން ގޮސް މެނޭޖުމަންޓާއި ބޯޑު މެންބަރުންވެސް ހިމެނޭ ކަމަށެވެ.
މުއައްވިޒު ވިދާޅުވީ މި މައްސަލާގައި ޝާމިލްވާ 38 މުވައްޒަފުންނާއި ސުވާލުކޮށް ބަޔާން ނަގަމުން އަންނަ ކަމަށެވެ. އޭސީސީގެ ރައީސް ވިދާޅުވީ، މި މައްސަލަ ބީއެމްއެލްއިން އެމްއެމްއޭގެ ސަމާލުކަމަށް ގެނައި ކަމަށެވެ. ނަމަވެސް އެމްއެމްއޭގެ ސަމާލުކަމަށް އެކަން ގެނައީ އެ ޗެކްތައް އެސްއޯއެފްގެ އެކައުންޓަށް ޖަމާކުރުމަށްފަހު ކަމަށް މުއައްވިޒު ވިދާޅުވިއެވެ. އެސްއޯއެފް އެކައުންޓަށް ޗެކް ޖަމާކުރި މައްސަލަ ބީއެމްއެލްއިން އެމްއެމްއޭއަށް ހުށައެޅުމުން އެމްއެމްއޭއިން އެ މައްސަލަ ތަޙްޤީޤްކޮށް ޕީޖީ އޮފީހަށް ވަނީ ފޮނުވާފައެވެ. އަދި މިކަމުގައި ހިމެނޭމަނީލޯންޑަރިންގެ މައްސަލަ ފުލުހުން ގެންދަނީ ތަޙްޤީޤްކުރަމުން ކަމުގައި ވެސް ވިދާޅުވިއެވެ.
އޭސީސީން މީގެކުރިންވެސް ވަނީ އެސްއޯއެފް އެކައުންޓަށް ބީއެމްއެލްއިން ޗެކްތައް ޖަމާކޮށްފައިވަނީ "އެންޑޯސްމަންޓް" ފުރިހަމަ ނުވަނީސް ކަމަށް ވިދާޅުވެފައެވެ. މިއަދުގެ ކޮމެޓީގައި އޭސީސީގެ ރައީސްވެސް ވަނީ އެކަން އެގޮތަށް ބީއެމްއެލްއިން ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް އެކަމުގައި ބީއެމްއެލްއިން މިއަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ބުނެފައިވަނީ އެމްއެމްޕީއާރުސީގެ ޗެކްތައް އެސްއޯއެފްގެ އެކައުންޓަށް ޖަމާކުރީ އެ ޗެކުތައް އެންޑޯސްކޮށްފައި ހުރުމުން ކަމަށެވެ.
މިދިޔަ ޖޫންމަހުގެ 27 ވަނަ ދުވަހު މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން އެމްއެމްޕީއާރުސީ އޮޑިޓްކުރި ޓީމްގެ އެންމެ އިސްކޮށް ހުންނެވި އެސިސްޓަންޓް އޮޑިޓަރ ޖެނެރަލް އިބްރާހީމް އައިމަން ދާދިފަހުން ވިދާޅުވެފައިވަނީ، އެމްއެމްޕީއާރުސީގެ ޗެކްތައް އެެހެން އެކައުންޓަކަށް ޖަމާކުރާނަމަ ކުންފުނީގެ ބޯޑުގެ ދެ ބޭފުޅެއްގެ ސޮއި ބޭނުންވާއިރު، ހުރިހާ ޗެކެއްގައިވެސް ސޮއިކޮށްފައިވަނީ ކުރީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ ޒިޔަތު އެކަނި ކަމަށެވެ. އެހެންކަމުން "އެންޑޯސްމަންޓް" ފުރިހަމަ ނުވާއިރު ބީއެމްއެލްއިން އެ ޗެކްތައް ޖަމާކުރުމަކީ މައްސަލައެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަމާއި ގުޅިގެން ބޭންކް އޮފް މޯލްޑިވްސްއިން އެއްވެސް ފިޔަވަޅެއް އެއިރު އަޅުއްވާފައި ނުވާކަމަށްވެސް އައިމަން ވަނީ ވިދާޅުވެފައެވެ.
އެމްއެމްޕީއާރުސީގެ މައްސަލަ ތަޙްޤީޤުކޮށް އޭސީސީން ޢާންމުކުރި ރިޕޯޓުގައި 57 ރަށަކުން އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު 60 މިލިއަނަށްވުރެ ގިނަ ޑޮލަރު އެމްއެމްޕީއާރުސީގެ އެކައުންޓްތަކަށް ޖަމާނުކޮށް ޗެކް އެންޑޯސްކޮށްގެން އެކިއެކި އަމިއްލަ ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފައިވާކަމަށް ވަނީ ބުނެފައެވެ.
އޭރުހާމަކުރި ލިސްޓްގައިވާގޮތުން ކުރީގެ ސަރުކަރުގެ ވަރަށްގިނަ އިސް ފަރާތްތަކެއްގެ އެކައުންޓަށާއި މިހާރުގެ ސަރުކާރުގެ އިސް މަޤާމްތަކުގައި ތިއްބެވި ބައެއް ފަރާތްތަކުގެ އެކައުންޓްތަކަށްވެސް އެފައިސާ ލިބިފައިވާކަން ވަނީ ހާމަވެފައެވެ.
								
											


														
														
														
														
														
														