ތޮއްޑޫގައި ބީއެމްއެލް ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށައިފި

އއ. ތޮއްޑޫގައި ބީއެމްއެލް ޑޮލަރު އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައިފިއެވެ. މި ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒެވެ.

މިއީ މިދިޔަ ޑިސެންބަރު މަހު ރައީސުލްޖުމްހޫރިއްޔާ އެރަށު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދެއް ފުއްދެވުމެވެ. އެމަނިކުފާނު އެރަށަށް ކުރެއްވި ދަތުރުފުޅެއްގައި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ ތޮއްޑޫގައި ޑޮލަރު އޭޓީއެމްއެއް ޤާއިމްކޮށްދެއްވާނެ ކަމަށެވެ. މިއަދު އެ ވައުދު ފުއްދަވައި، 8 މަސްދުވަސް ފަހުން އެ ޚިދުމަތް ވަނީ ފައްޓަވައިދެއްވާފައެވެ.

އަރިއަތޮޅު އުތުރުބުރީއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ތޮއްޑޫއަށް ވަޑައިގެން، ރައީސުލްޖުމްހޫރިއްޔާ ވަނީ އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައި، އަމިއްލަފުޅަށް އޭޓީއެމުން ފައިސާ ނަންގަވާފައެވެ. މީގެއިތުރުން މި ދަތުރުފުޅުގައި ބީއެމްއެލް ތޮއްޑޫ ބްރާންޗްގެ ބިންގާވެސް ވަނީ އަޅުއްވާފައެވެ. ބިންގާ އެޅުއްވުމުގެ ރަސްމިއްޔާތުގައި މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރާއި، ބީއެމްއެލްގެ ސީއީއޯ އަދި ތޮއްޑޫ ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.

ތޮއްޑޫގައި ޑޮލަރު އޭޓީއެމްއެއް ޤާއިމްކުރެއްވުމަށް ސަރުކާރުން ނިންމެވި ސަބަބުގެ ގޮތުގައި ރައީސް ފާހަގަކުރައްވާފައިވަނީ، އެރަށަކީ ލޯކަލް ޓޫރިޒަމް ފުޅާވެފައިވާ، އެ ދާއިރާއަށް އިސްކަންދޭ ރަށަކަށްވެފައި، ކުރިއަށް އޮތްތަނުގައިވެސް ގިނަ ޓޫރިސްޓުން ޒިޔާރަތްކުރާނެ ރަށަކަށްވާތީ، ރައްޔިތުންނަށް ފަސޭހައިން ޑޮލަރު ލިބޭނެ އިންތިޒާމް ހަމަޖެހިފައި އޮތުމުގެ މުހިންމުކަމެވެ.

ތޮއްޑޫގައި މިހާރު 50 އަށްވުރެ ގިނަ ގެސްޓްހައުސް ހިންގަމުންދާއިރު، މިއީ ބޭރުގެ ފަތުރުވެރިންނާއި ދިވެހިން ޗުއްޓީ ހޭދަކުރުމަށް ގިނައިން ޒިޔާރަތްކުރާ ރަށެކެވެ. ތޮއްޑޫގައި ހުޅުވުނު ޑޮލަރު އޭޓީއެމްއަކީ މާލެއިން ބޭރުގައި ބީއެމްއެލްއިން ޑޮލަރު އޭޓީއެމް ޤާއިމްކުރި 4 ވަނަ ރަށެވެ. މީގެ ކުރިން އަތޮޅުތެރޭގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ޤާއިމްކޮށްފައިވަނީ ކ. މާފުށި، އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ