އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަދި ލީގަލް ޓީމު - ފޮޓޯ: އީސީ

ބާކައުންސިލަށް ކުރިމަތިލި ފަރާތެއްގެ ކެންޑިޑަސީ ބާޠިލުކޮށްފި

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ބާ ކައުންސިލްގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓެއްގެ ކެންޑިޑަސީ އިލެކްޝަންސް ކޮމިޝަނުން މިއަދު ބާޠިލުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ކެންޑިޑަސީ ބާޠިލުކޮށްފައިވަނީ ބާ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލާފައިވާ، ދަފްތަރު. ނަންބަރ 535 / ޢަލީ ނަޞީރު ޤާސިމް ގެ ކަމަށެވެ.

ޢަލީ ނަޞީރުގެ ހުށަހެޅުން އިލެކްޝަންސް ކޮމިޝަނުން ބާޠިލުކޮށްފައި މިވަނީ އޭނާގެ ކެންޑިޑަސީ ޤަބޫލުކޮށް ކެންޑިޑޭޓް ނަންބަރުވެސް ދިނުމަށްފަހު، އިންތިޚާބަށް ދެ ދުވަހަށްވީފަހުންނެވެ.

"...ޢަލީ ނަޞީރު ޤާސިމް މިކޮމިޝަނަށް ހުށަހެޅި ހުށަހެޅުން މިކޮމިޝަނުން ޤަބޫލުކޮށްފައިވީނަމަވެސް، އެފަރާތުން ހުށަހެޅި ނަންބަރު BCE/2019/1 ފޯމުގައިވާ މަޢުލޫމާތާއި ފޯމާއެކު ހުށަހަޅާފައިވާ ލިޔެކިޔުންތައް މިކޮމިޝަނުން އިތުރަށް ބެލި ބެލުމުން، ޤާނޫނު ނަންބަރު 2019/5 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) ގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ޢަލީ ނަޞީރު ޤާސިމަކީ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިޚާބުގައި މެންބަރު ކަމަށް ކުރިމަތިލުމަށް ޝަރުތު ހަމަވާ މީހެއް ނޫންކަމަށް މިކޮމިޝަނަށް ފާހަގަކުރެވިފައިވާތީ، ޢަލީ ނަޞީރު ޤާސިމަކީ މި އިންތިޚާބުގައި ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލުމަށް ޝަރުޠު ހަމަވާ މީހެއް ނޫން ކަމުގައި މިކޮމިޝަނުން ކަނޑައަޅައި، މި އިންތިޚާބަށް ކުރިމަތިލުމަށް އެފަރާތުން ހުށަހެޅި ހުށަހެޅުމާއި، އެ ހުށަހެޅުން ޤަބޫލު ކޮށްފައިވާކަމަށް މިކޮމިޝަނުން ނިންމާފައިވާ ނިންމުން ބާޠިލު ކޮށްފައިވޭ." އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

މިކަމާ ގުޅިގެން، މިއިންތިޚާބުގައި ވާދަ ކުރާ އެހެން ކެންޑިޑޭޓުންގެ ކެންޑިޑޭޓް ނަންބަރުތަކަށް ބަދަލު ނާންނާނެކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

ބާ ކައުންސިލްގެ އިންތިޚާބާ ގުޅިގެން 12 ޝަކުވާއެއް ހުށަހަޅާފައިވާއިރު، މި އިންތިޚާބުގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ މާލެއާއި އައްޑޫގައި އެކަންޏެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބިގެންވާނީ ހަމައެކަނި ޤާނޫނީ ވަކީލުންނަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ