ހދ.ކުޅުދުއްފުށީގައި މިހާރު ކުރިއަށް ފޯރިގަދަ ޕެންޓަގްރާމް ހިރަފުސް ކަޕުގައި މިއަދު ކުޅެވުނު މެޗުން ހިރިމަރަދޫ އިންޓްގްރިޓީ ޔޫތު އެސޯސިއޭޝަން (ހިޔަ) ބަލިކޮށް، ނޮޅިވަރަންފަރުގެ ލައިކަންއިން މުބާރާތުގައި ކުރިއަށް ދެވޭނެކަމުގެ އުންމީދު އާކޮށްފިއެވެ.
އިތުރަށް ކުރިއަށް ދިއުމުގެ އަމިއްލަ ބާރު ލައިކަން އަތުގައި ނެތްނަމަވެސް މިއަދުގެ މެޗުން މޮޅުވެ ލައިކަންވަނީ ޖުމްލަ 4 ޕޮއިންޓް ހޯދާފައެވެ. މިގްރޫޕްގައި ހިމެނޭ ކުޅުދުއްފުށީ އެކުވެރިންގެ ދިރުމަށްވެސްވަނީ 4 ޕޮއިންޓް ލިބިފައެވެ. އަދި ގްރޫޕްގެ އެއްވަނާގައި މިހާރު ސާއްބަ އޮތީ މިހާތަނަށް ލިބުނު 6 ޕޮއިންޓާއެކުގައެވެ. މިގްރޫޕްގައި ބާކީ އަދި އެއްމެޗު އެބައޮތެވެ.
މިއަދުގެ މެޗަށް ހިޔަ ނުކުތްއިރުވެސް، ކުރިން ކުޅުނު ދެމެޗުންބަލިވެ އެޓީމުވަނީ މުބާރާތުން ކަޓައިފައެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިއަދުގެ މެޗު ލައިކަން ކާމިޔާބުކޮށްފައިވަނީ 3-2 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ފެނިގެންދިޔަ ފުރަތަމަ ދެލަނޑުވެސް ޖަހާފައިވަނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ލައިކަންއިންނެވެ. އެގޮތުން ފުރަތަމަ ލަނޑު މެޗުގެ 10 މިނަޓްގައި މުޙައްމަދު ސަލްމާން ޖަހައިދިންއިރު ދެވަނަ ލަނޑު ޢަބްދުﷲ ޝަފީޢު ހާޝިމް ޖަހައިދިނީ 34 ވަނަ މިނަޓްގައެވެ. ޝަފީޢުގެ މިލަނޑަކީ ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ހިރިމަރަދޫ އިންޓްގްރިޓީ ޔޫތު އެސޯސިއޭޝަނުގެ އަޙްމަދު ޝިޙާމް ޖެހި ލަނޑަކާއެކު އެޓީމަށް އިތުރު އުންމީދެއް ލިބުނެވެ.
އަދި ފޯރީގައި ދެވަނަ ހާފަށް ނުކުމެ އިތުރު ލަނޑެއްޖަހައި ހިރިމަރަދޫ އިންޓްގްރިޓީ ޔޫތު އެސޯސިއޭޝަނުން މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. 65 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު ނަދީމެވެ.

ލައިކަން މޮޅުވި ލަނޑަކީވެސް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. 80 ވަނަ މިނަޓްގައި ފެނުނު މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ޕެނަލްޓީވެސް ޖެހި ޢަބްދުﷲ ޝަފީޢު ހާޝިމްއެވެ. މިއަދުގެ މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވިފައިވަނީ އޭނާއެވެ.
މީގެއިތުރުން މުބާރާތުގެ ފުރަތަމަ ރަތްކާޑުވެސް މިމެޗުގައިވަނީ ފެނިގެން ގޮސްފައެވެ. 85 ވަނަ މިނަޓްގައި ފެނިގެންދިޔަ މިރަތްކާޑު ދައްކާފައިވަނީ ލައިކަންގެ ޖާޒީ ނަންބަރު 16 މުޙައްމަދު ޢަބްދުﷲ އަށެވެ.

މިމުބާރާތުގައި މާދަމާ ކުޅުމަށް ހަމަޖެހިފައި އޮތީ ގްރޫޕް 2 ގެ ފަހުމެޗެވެ. ގްރޫޕް 2 އެއްގެ އެއްވަނަ އަދި ދެވަނަ ކަށަވަރުވެގެންދާ ފޯރިގަދަ މިމެޗުގައި އެއްކޮޅުން ސާއްބަ އެކުވެރި ކްލަބު ނުކުންނައިރު އަނެއްކޮޅުން ބައްދަލުކުރާނީ ކުޅުދުއްފުށީ އެކުވެރިންގެ ދިރުމެވެ.



