ޝައިމް ފެނުނީ ދެކޮޓަރީގެ އެޕާޓްމަންޓަކުން، "ބޮޑެތި މީހުންގެ" ބައިވެރިވުންވޭ - މިނިސްޓަރ

ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ދަފްތަރު ނަންބަރު 2997، ޝައިމް އަބްދުﷲ، ފެނިފައިވަނީ ދެކޮޓަރީގެ އެޕާޓްމަންޓަކުން ކަމަށާއި، ޝައިމް ފިލުމުގައި ކުޑަކުދިންގެ ހިޔާގެ އެއްވެސް މުވައްޒަފަކު ބައިވެރިވެފައިވޭތޯ ބަލަމުންދާކަމަށް ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝިދާތާ މިހެން ވިދާޅުވެފައިވަނީ ޝައިމް ގެއްލުނު މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ރައްޔިތުންގެ މަޖިލީހުގައި ދާދި ދެންމެއެވެ.

ޝިދާތާ ވިދާޅުވީ، ފުލުހުން ހިއްސާކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، ޝައިމް ފިލީ ކަމަށާއި، ޝައިމް ފެނިފައިވަނީ ދެކޮޓަރީގެ އެޕާޓްމަންޓަކުން ކަމަށެވެ. އަދި ޝައިމް ފިލައިގެން އުޅުމުގައި "ބޮޑެތި މީހުންގެ" ހިއްސާ އޮތްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، ޝައިމް ގެއްލުނު ރޭ ޑިއުޓީގައި ހުރި އެއް މުވައްޒަފަކު ތަޙްޤީޤު ނިމެންދެން ވަގުތީގޮތުން ސަސްޕެންޑްކޮށްފައިވާނެ ކަމަށާއި، ޝައިމް ފިލުމުގައި ކުޑަކުދިންގެ ހިޔާގެ އެެއްވެސް މުވައްޒަފެއްގެ އެއްވެސް މިންވަރެއްގެ ބައިވެރިވުމެއް އޮތްތޯ ބަލަމުންދާ ކަމަށެވެ. އަދި އެފަދަ ކަމެއް ފާހަގަވެއްޖެނަމަ އެ މުވައްޒަފަކާ މެދުގައި ފިޔަވަޅު އަޅުއްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޝައިމް ގެއްލުނު މައްސަލައިގައި ޒިންމާވާން ޖެހޭ ފަރާތަކީ ކޮބައިތޯ މެންބަރަކު ސުވާލު ދެންނެވުމުން ޖަވާބުގައި މިނިސްޓަރ ވިދާޅުވެފައިވަނީ، އެ މައްސަލައިގައި ޖެންޑާ މިނިސްޓްރީ އިން ވަރަށް ބޮޑަށް ޒިންމާވާން ޖެހޭ ކަމަށާއި، ނަމަވެސް އެ މައްސަލައިގައި މުޅި ދައުލަތް ޒިންމާ ވާން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ