މަޖިލީހުގެ ޖަލްސާއެއްގައި ޢަބްދުﷲ ޖާބިރު - ފޮޓޯ: މަޖިލިސް

ދޮށީ އުމުރުގެ މީހުންނަށް 10000ރ ދޭން ހުށަހަޅައިފި

އުމުރުން ދުވަސްވީ މީހުންނަށް މިހާރު ދެމުން އަންނަ، 5،000 ރުފިޔާގެ އިނާޔަތް، 10،000 ރުފިޔާ އަށް ބޮޑު ކުރުމަށް, ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ޕެންޝަނާބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

އަސާސީ ޕެންޝަންގެ ގޮތުގައި ލިބޭ އަދަދު ބޮޑުކުރަން ހުށަހެޅީ ދިރިއުޅުމުގެ ޚަރަދުތައް މިހާރު އިންތިހާއަށް ބޮޑުވެފައި ވާތީކަމަށާއި، އުމުރުން ދުވަސްވީ މީހުން ގައުމަށް ކޮށްދީފައިވާ ޚިދުމަތައް ބަލާފައި އުމުރުން ދުވަސްވީ މީހުންނަށް ކަންތައްތަކެއް ކޮށްދޭންޖެހޭ ކަމަށް ޖާބިރު ވިދާޅުވިއެވެ.

"މިއިސްލާހް މިހުށަހެޅީ އުމުރުން ދުވަސްވީ މީހުންނަށް ގަދަރުވެރިކަމާއި ފުދުންތެރިކަމާއި އުފާވެރިކަމާއި އެކު ދިރިއުޅެވޭނެ މަގު ތަނަވަސް ކޮށްދިނުމަށްޓަކައި" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، ޚަރަދު ކުޑަކުރަން، ކުރަންޖެހޭ ކަންކަން ކުރަން ޖެހޭނެ ކަމަށާއި، އިތުރަށް ޚަރަދު ކުރަން ޖެހޭ ކަންކަމަށް އިތުރަށް ޚަރަދު ކުރަން ޖެހޭނެ ކަމަށް އަދި ގައުމަށްޓަކައި ބޮޑެތި ޚިދުމަތްތަކެއް ކޮށްފައިވާ ފަރާތްތަކަށް މިފަދަ އިނާޔާތްތައް ލިބެން ޖެހޭނެ ކަމަށެވެ. އަދި އުމުރުން ދުވަސްވީ މީހުންނަށް 10000 ރުފިޔާ ދިނުމުގެ ގާބިލްކަން ސަރުކާރުގައި ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ފަސް ހާސް ރުފިޔާ އިން ކޮން ކަމެއްތޯ ކުރެވޭނީ؟ އުމުރުން ދުވަސްވީ މީހުން ބަލަހައްޓަން ވެސް އެބަޖެހޭ މީހަކު ހުންނަން. އެންމެ 5000 ރުފިޔާ ލިބިގެން އެއްވެސް ކަމެއް ނުވާނެ މިހާރު." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ހުށަހެޅުއްވި އިސްލާހަށް މިއަދު ވަނީ އިބްތިދާޢީ ބަހުސް ފަށާފައިވާއިރު، މިބިލް މަޖިލީހަށް ބަލައި ގަތުމާއި މެދު ގޮތެއް ނިންމާނީ އިބްތިދާއީ ބަހުސް ނިމުމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ