ހިތަދޫ 264 ފުލެޓަށް ޝަރުތު ހަމަވީ 414 މީހުން

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިތަދޫގައި އެޅި ފްލެޓްތަކަށް ކުރިމަތިލި މީހުންގެ ތެރެއިން ޝަރުތު ހަމަވެގެން ޕޮއިންޓް ލިބުނު މީހުންގެ ލިސްޓް މިއަދު އާންމުކޮށްފިއެވެ.

އައްޑޫ ހިތަދޫގައި އިމާރާތްކޮށްފައިވާ 264 ފްލެޓަށް ޖުމްލަ 577 މީހުން ވަނީ ކުރިމަތިލާފައެވެ. ނަމަވެސް އެކައުންސިލުން އާންމުކުރި ލިސްޓްގައި ޝަރުތު ހަމަވެގެން ހިމެނިފައި ވަނީ 414 މީހުންނެވެ.

އެކައުންސިލުން މިއަދު ކޮށްފައިވާ އިޢުލާނުގައި ވަނީ މި ފުލެޓްތަކަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން، ޝަރުތު ހަމަވެ ކެޓެގަރީ A,B,C ފޯމްތަކަށް ފޮއިންޓް ލިބުނު ގޮތާ މެދު އެއްވެސް ޝަކުވާއެއްވާނަމަ އެކަމަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފައި ވާކަމަށެވެ.

މި ފްލެޓްތަކުގެ ތެރެއިން ކެޓެގަރީ A ގެ ދަށުން ހިތަދޫ އަވަށު ރައްޔިތުންނަށް ޚާއްސަކުރެވުނު 150 ޕްލެޓަށް އެދި ހުށައަޅާފައިވަނީ 446 ފަރާތަކުންނެވެ. ކެޓަގަރީ B ގެ ދަށުން މަރަދޫއާއި މަރަދޫ ފޭދޫ އަވަށުގެ ރައްޔިތުންގެ ތެރެއިން ހިތަދޫ އަވަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްސަ ކުރެވުނު 30 ފްލެޓަށް ކުރިމަތިލައިފައިވަނީ 54 ފަރާތަކުންނެވެ. އަދި ކެޓެގެރީ C ގެ ދަށުން ފޭދޫ އަވަށު ރައްޔިތުންގެ ތެރެއިން ހިތަދޫ އަވަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްސަކުރެވުނު 50 ފުލެޓަށް 77 ފަރާތުން ވަނީ ފޯމް ހުށައަޅާފައެވެ.

އެ އިޢުލާނުގައި ބުނެފައިވަނީ ހައުސިންގ ޔުނިޓްތައް ލިބޭ ފަރާތްތަކުގެ ލިސްތް އިޢުލާނުކުރެވޭނީ، ހުށައެޅޭ ޝަކުވާތަކާއި ގުޅިގެން، ނުވަތަ ސާފުކުރެވޭ އިތުރު މަޢުލޫމާތާއި ގުޅިގެން، މި ލިސްޓަށް ގެންނަންޖެހޭ އުނިއިތުރެއްވާނަމަ، އެ އުނިއިތުރެއް ގެނައުމަށްފަހުގައި ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ