ރައްޔިތުންގެ މަޖިލިސް - ފޮޓޯ: މަޖިލިސް

ކޮންސްޓްރަކްޝަން ސައިޓުތަކުގެ މައްސަލައަށް ފުރަގަސްދީ މައްސަލަ ބޭރުކޮށްލައިފި

މާލޭގައި އިމާރާތް ކުރަމުންދާ ސައިޓުތަކުގައި ހިނގާ ނުރައްކާތެރި ހާދިސާތަކުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލަން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައި ނުގަނެ މަޖިލީޙުން ބޭރުކޮށްލައިފިއެވެ.

މިއަދުގެ ޖަލްސާގައި އެ މައްސަލަ ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވީ މާލެއަކީ ރާއްޖޭގެ އާބާދީގެ ބޮޑު ބައި ދިރިއުޅެމުންދާ ރަށަށް ވާއިރު، ކޮންސްޓްރަކްޝަން ކުންފުނިތަކުން އަޅަންޖެހޭ ސަލާމާތީ ފިޔަވަޅުތައް ނޭޅި ދިއުމުގެ ސަބަބުން ނުރައްކާތެރި ގިނަ ހާދިސާތަކެއް ހިނގައި އެތަކެއް ބަޔަކަށް އަނިޔާވެ ފުރާނަ ގެއްލިފައިވާ ކަމަށެވެ.

މާލޭގައި ފިރިއުޅޭ އާއްމު ފަރުދުންނާއި، ކޮންސްޓްރަކްޝަން ސައިޓްތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އެކަމަށް އަވަހަށް ފިޔަވަޅު އަޅައި، އެ މައްސަލައަށް ހައްލު ހޯދުނުގެ ގޮތަކަށް މިހާރުން މިހާރަށް ހައްލެއް ހޯދުމަށް ޖާބިރު ހުށަހަޅުއްވިއެވެ.

ޢަބްދުﷲ ޖާބިރު - ފޮޓޯ: މަޖިލިސް

ނަމަވެސް، ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ މެޖޯރިޓީ ރައްޔިތުންގެ މަޖިލީހުން އެ މައްސަލަ ބަލައި ނުގަންނަން 52 މެންބަރުން ވޯޓު ދެއްވިއިރު، އެ މައްސަލައާ އެއްކޮޅަށް ވޯޓު ދެއްވީ ހަ މެންބަރުންނެވެ. އެހެންކަމުން އެ ކުއްލި މައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ.

މާލެއާއި ހުޅުމާލޭގައި އިމާރާތްކުރަމުންދާ ސައިޓްތަކުގައި ނުރައްކާތެރި ހާދިސާތައް ހިނގާފައިވާއިރު، ކުށެއްނެތް ބައެއް ފަރާތްތައް ވަނީ އެފަދަ ހާދިސާތަކުގައި ދުނިޔެދޫކޮށްފައެވެ. އަދި ބާވެފައިވާ އިމާރާތްތަކުގެ ބައިތައް ވެއްޓި އެތައް ބަޔަކަށް އަނިޔާވެފައިވެސްވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ