މަޖިލީހުގެ ކޮމިޓީއަކަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނެ، ބީއެމްއެލް ގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފްގެ މައްސަލަ ތަހުގީގު ކޮށް ދިނުމަށް ފުލުހަށް ހުށަހެޅި މައްސަލަ އަނބުރާ ގެންނަން ވިސްނަވާކަން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާ ފައްޓަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ބީއެމްއެލް ގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފްގެ ސިޓީއެއް ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ކަމަށާއި، ސިޓީގައި ވިދާޅުވެފައިވަނީ، ކޮމެޓީގައި ވާހަކަފުޅު ދައްކަވާފައިވަނީ، އެބޭފުޅާ ކޮމެޓީއަށް ވަޑައިގެންނެވިއިރުގައި ލިބިފައިހުރި މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށެވެ.
"އެހެންނަމަވެސް އެ ކޮމެޓީގެ ބައްދަލުވުމަށްފަހުގައި ސޯޝަލް މީޑިއާގައި ދައުރުވި ޗެކުތައް އެބޭފުޅާއަށާއި، އެބޭފުޅާގެ ބައިވެރިންނަށް ފެނިފައިވާކަމަށް. އެހެންވީމަ އެޗެކްތަކާ ގުޅޭގޮތުން އެބޭފުޅުން މުޠޯލިއާކޮށްފައި އެކަމާބެހޭ ޞައްޙަ މަޢުލޫމާތު މާލިއްޔަތު ކޮމެޓީއަށް ފޮނުއްވަވާނެކަމަށް." ސިޓީގެ ތަފްސީލު މެންބަރުންނަށް ސާފުކޮށްދެއްވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ އަމާޒަކީ ރައްޔިތުންގެ މަޖިލީހުގައި މީހުން ތެދުބަހުން ވާހަކަދެއްކުމަށް ބާރުއެޅުން ކަމަށާއި، އެއްގޮތަކަށްވެސް މީހަކަށް އުޤޫބާތެއް ދިނުން ނުވަތަ މީހެއްގެ މައްޗަށް ތަޙްޤީޤެއް ހިންގުމެއްވެސް ނޫން ކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސްގެ އޮފިޝަލް މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މަސައްކަތަށް، މާލިއްޔަތު ކޮމެޓީ އެދޭގޮތަށް އެއްބާރުލުން ދެއްވާނެކަމަށް ވަރަށް ސާފުބަހުން ވިދާޅުވެ އަދި ތެދުބަހުން ވާހަކަދައްކަވަމުން ގެންދަވާނެކަމަށް އެބޭފުޅާގެ ސިޓީފުޅުން ވަރަށް ބޮޑަށް ސާފުވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"އެހެންވީމަ، އަޅުގަނޑު ގަސްދުކުރަން މާލިއްޔަތު ކޮމެޓީގެ މުޤައްރިރާ ވާހަކަދެއްކުމަށްފަހުގައި މިމަޖިލީހުގެ ފަރާތުން ފުލުސް އޮފީހުގައި އެދިފައިވާ އެދުމާގުޅޭގޮތުން އަލުން އަނބުރާ އަޅުގަނޑުމެން ވިސްނުމަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.
ބީއެމްއެލްގެ ވެރިން މިދިޔަ އަންގާރަ ދުވަހު މާލިއްޔަތު ކޮމިޓީ އަށް ހާޒިރު ކުރީ އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތާ ގުޅިގެން ބީއެމްއެލް ޖަވާބުދާރީ ކުރުވުމަށެވެ. ޚިޔާނާތުގައި އެ ބޭންކުގެ އެއްވެސް ބައިވެރިވުމެއް ނެތް ކަަމަށް ތަކުރާރުކޮށް ޝަރީފް ވަނީ ވިދާޅުވެފަ އެވެ. ބޭންކުން އަމަލުކުރީ ގާނޫނާއި ގަވައިދުތަކާއި ބޭންކުން އަމަލުކުރަން ހުންނަ ޕްރޮސީޖާތަކާ އެއްގޮތަށް ކަމަށް ވިދާޅުވި އެވެ.
އެކަމަކު، ޚިޔާނާތުގައި ބީއެމްއެލްގެ ބައިވެރިވުން ނެތް ކަން ސާބިތުކޮށްދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އެ ބޭންކުން ދެއްކި ވާހަކަތައް މެމްބަރުން ގަބޫލެއް ނުކުރައްވަ އެވެ. އެ މެމްބަރުން ގަބޫލު ކުރައްވާ ގޮތުގައި ބޮޑު ޚިޔާނާތް ހިނގާފައި ވަނީ ބީއެމްއެލްގެ ވެސް ބައިވެރިވުން އޮވެގެންނެވެ.



