ވަރަށް ކުޑަ އިންޓްރަސްޓް ރޭޓެއްގައި ދޫކުރަން ވައުދުވެފައިވާ ގެދޮރު އިމާރާތް ކުރުމުގެ ލުއި ލޯނު އަންނަ އޯގަސްޓު މަހުގެ ނިޔަލަށް އިއުލާން ކުރައްވާނެ ކަމަށް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު އައިމިނަތު އާތިފާ ޝަކޫރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުން މަޖިލީހަށް ވަޑައިގެން މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އާތިފާ ވިދާޅުވީ، ބޯހިޔާވެހިކަމުގެ ކަންކަން އިތުރަށް ފަސޭހަ ކުރަން ފަސް ޕަސަންޓާއި ހަ ޕަސަންޓު އިންޓްރެސްޓް ރޭޓެއްގައި ގެދޮރު އިމާރާތް ކުރުމުގެ ލޯނު ދޫކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެއް ކަމަށެވެ.
އެ ވައުދު ފުއްދުމުގެ މަސައްކަތް މިދިޔަ ހައެއްކަ މަސް ދުވަސް ތެރޭގައި ކުރަމުން އައި ކަމަށާއި، އެގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި އެހެން މާލީ އިދާރާތަކާ މަޝްވަރާކޮށް، ޑްރާފްޓެއް ތައްޔާރު ކުރަމުން އަންނަ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އެންމެ ފަހުގެ ދެލިކޮޕީ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
"އޮގަސްޓްމަހުގެ ފަހުކޮޅު ވަރަށް އުފާވެރި ޚަބަރެއްގެ ގޮތުގައި ފަސް ޕަސެންޓާއި ހަ ޕަސެންޓް އިންޓްރެސްޓްގަ ރާއްޖޭގެ އެތކިކަންކޮޅުތަކުގައި ގެދޮރު އިމާރާތްކުރުމުގެ ލުއި ލޯން ދޫކުރެވޭނެ. އަދި މިކަމާގުޅޭ ސިޠާސަތުތައް ސަރުކާރުގެ އިދާރާތަކާއެކު އިޢުލާންކުރެވޭނެ ވާހަކަ ދަންނަވަން." މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އާތިފާ ވަނީ އަތޮޅުތެރޭގައި ފަށާ ހައުސިންގގެ ބޮޑެތި މަޝްރޫޢުތައް އަންނަ އަހަރު ފަށްޓަވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ހދ.ހަނިމާދޫއާއި ކުޅުދުއްފުށްޓާއި، ނޮޅިވަރަންފަރާއި ތ.ވިލުފުށީގައި ހައުސިންގ މަޝްރޫޢު ހިންގުމަށް ނިންމާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއަހަރު އިސްކަންދޭނީ ކުޑަ ޚަރަދެއްކޮށްގެން ކުރިއަށްގެދެވޭ މަޝްރޫޢުތަކަށްކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.



