އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ މައްސަލާގައި ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ދިން މަޢުލޫމާތަކީ ދޮގުކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހުގެ ރައީސްއަށް އަންގައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވައި، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، މަޖިލީހުގެ ކޮމެޓީއަށް ޝަރީފް ދޮގު މަޢުލޫމާތު ދިން މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާއިރު، މައްސަލަ ބަލަމުން އަންކަމަށް ފުލުހުން އަންގާފައިވާ ކަމަށެވެ.
"އެހެން ވަނިކޮށް ޕްރެޒިޑެންޓަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަނީ އިން އަޅުގަނޑަށް އެބައޮތް ސިޓީއަކުން ބުނެފައި ވަރަށް ސާފު އިބާރާތުން މި ކޮމިޝަނުން ބަލަމުންދާ އެމްއެމްޕީއާރުސީ އިން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ ހިޔާނާތާއި ކޮރަޕްޝަނުގެ މައްސަލަ އާއި ގުޅޭގޮތުން ހޯދާފައިވާ ލިޔެކިޔުމުން ފެންނަން އޮތް ގޮތުގައި އެމްއެމްޕީއާރުސީއަށް ރަށްރަށާއި ފަޅުތަކުގެ ލީޒް އެކުއިޒިޝަން ކޮސްތުގެ ގޮތުގައި ލިބިފައިވާ ޗެކުތަކުގެ ތެރެއިން ނޮޓް ނެގޯޝިއެބަލް ޖަހާފައިވާ ހަ ޗެކެއް އެންޑޯޒްކޮށް، ބޭންކް އޮފް މޯލްޑިވްސް އިން އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި އެ ބޭންކުގައި އޮންނަ ޔޫއެސްޑޮލަރު އެކައުންޓަށް ޖަމާކޮށްފައިވާކަން ވަރަށް ސާފުކޮށް އެނގެއޭ،" ނަޝީދު ވިދާޅުވިއެވެ.
ޝަރީފް ކޮމެޓީގައި ވިދާޅުވެފައިވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތް ފެށުނު ހިސާބުން 2014 ގައި އެ މުއާމަލާތްތަކުގެ މައުލޫމާތު ސީދާ އެމްއެމްއޭގެ، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)އާ ހިއްސާކޮށްފައިވާ ކަމަށެވެ.
އަދި ބީއެމްއެލްއިން އެމްއެމްޕީއާރުސީގެ ޗެކްތައް އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށްދެމުން ގެންދިޔައީ ޗެކް އެންޑޯސްކުރުމަށް ހުރި ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ހުރިހާ ޝަރުތުތަކެއް ފުރިހަމަ ކުރުމަށް ފަހުގައި ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.




