ކްރިމިނަލް ކޯޓްގައި ނުނިމި ދިގުލައިގެން ގޮސްފައިވާ 1910 މައްސަލައެއް އެބަ އޮތް ކަމަށް ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އިން އެކުލަވާލި ރިޕޯޓަކުން ހާމަވެއްޖެއެވެ.
ޝަރުއީ ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތައް ނުނިމި އާދަޔާ ހިލާފަށް ދިގުލައިގެންދާ ކަމުގެ ޝަކުވާތަކާ ގުޅިގެން ޖޭއެސްސީ އިން ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކުގެ ރިޕޯޓް ވަނީ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފައެވެ.
ނުނިމި ހުރި މައްސަލަތައް ނިންމުމުގައި މަޖިލިހުގެ އެއްބާރުލުމަށް އެދި، ޖޭއެސްސީން ރައްޔިތުންގެ މަޖިލިހުގެ ރައީސްއަށް ސިޓީފުޅެއް ފޮނުއްވާފައިވާއިރު، ރައީސް ނަޝީދު ވިދާޅުވީ ޖޭއެސްސީ އަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ދަށުން ޝަރުއީ ކޯޓުގެ ކަންކަން ބެލެހެއްޓުމަށް ހަވާލުވެފައި އޮތް ކޮމިޝަނަށްވީ އިރު، ރާއްޖެ އަކީ "އެއްވެސް މައްސަލައެއް ނެތް" ގައުމަކަށް ހަދައި ކޯޓުތަކުގައި ހުރި މައްސަލަތައް ނިންމަން ބޭނުންވާކަން ޖޭއެސްސީގެ ރައީސް އަރީފްގެ ސިޓީފުޅުން ހާމަވާކަމަށެވެ.
ކްރިމިނަލް ކޯޓުގައި ހުރި މައްސަލަތަކާ ގުޅޭ ގޮތުން ޖޭއެސްސީ އިން އެކުލަވާލި ރިޕޯޓަށް ބަލާއިރު، ނުނިމި ހުރި 1910 މައްސަލައިގެ ތެރެއިން 10 އަހަރުވެފައިވާ 12 މައްސަލައަކާއި ފަސް އަހަރުވެފައިވާ 126 މައްސަލައެއް ހިމެނޭކަން ފާހަގަކުރެވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންޖޭއެސްސީގައި އިންނަވާ މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ ޖޭއެސްސީގެ އަމާޒަކީ ކޯޓުތަކުގައި ދިގު ދެމެމުންދާ މައްސަލަތައް ނިމިގެން ދިއުމެވެ.




