ސިފައިންގެ ޕައިލެޓުންނާއި އިންޖީނިއަރުންނަށް މަސައްކަތު ޢަމަލީ ތަޖުރިބާ ދިނުމަށް އެމްއެންޑީއެފާއި އައިލެންޑް އޭވިއޭޝަނާ ދެމެދު ފަހުމުނާމާ އެއްގައި ސޮއިކޮށްފިއެވެ.
މިއަދު ހެނދުނު ބަންޑާރަކޮށީގައި އޮތް ރަސްމިއްޔާތެއްގައި ސޮއިކުރި މި ފަހުމުނާމާގައި، އެމްއެންޑީއެފްގެ ފަރާތުން ސޮއިކުރެއްވީ، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފެވެ. އަދި، އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑައިރެކްޓަރ އަލްފާޟިލް މުޙައްމަދު ރިޒްވީއެވެ. މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަށެވެ.
މި ފަހުމުނާމާގައި، ސިފައިންގެ ވައިގެ ޚިދުމަތް ފުޅާކޮށް، ކުރިމަގުގައި ސިފައިންގެއަށް ގެނެވޭ ވައިގެ އުޅަނދުތައް އޮޕަރޭޓްކުރެވޭ ފެންވަރުގެ ތަޖުރިބާހުރި ޕައިލެޓުންނާއި އެއަރކްރާފްޓް އިންޖިނިއަރުން އުފެއްދުމާއި، ސިފައިންގެ ޕައިލެޓުންނާއި އިންޖިނިއަރުންނަކީ ދިވެހިރާއްޖޭގައި އޮޕަރޭޓްކުރާ ވައިގެ އުޅަނދުތައް އޮޕަރޭޓްކުރުމުގެ ޤާބިލުކަން ލިބިފައިވާ ސިފައިންނަށް ހެދުމަށް ދެފަރާތުގެ އެހީތެރިކަން ހޯދުމަށް ހިމެނިފައިވެއެވެ.
މި ފަހުމުނާމާފައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފާއި، އެމްއެންޑީއެފްގެ ސީނިއަރ އޮފިސަރުންނާއި، އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ ޑައިރެކްޓަރ އަލްފާޟިލް މުޙައްމަދު ރިޒްވީއާއި، އެ ކުންފުނީގެ ސީނިއަރ މެނޭޖްމަންޓްގެ ބޭފުޅުންނާއި، އެ ކުންފުނީގެ ބައެއް މުވައްޒަފުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
								
											


														
														
														
														
														
														