މިހާތަނަށް 3،000އަށް ވުރެގިނަ ބޭރު ފްލައިޓު މާފަރު އެއަރޕޯޓަށް ޖައްސާފައިވޭ

މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން މިހާތަނަށް 250،000އަށްވުރެ ގިނަ ފަސެންޖަރުންނަށް ޚިދުމަތް ދީފައިވާކަމަށް އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާޙީމް އިޔާސް ވިދާޅުވެއްޖެއެވެ.

އިޔާސް މިހެން ވިދާޅުވީ، މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ނިންމާ، ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

އިޔާސް ވިދާޅުވިގޮތުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަކީ ރާއްޖޭގައި ދެވަނައަށް އެންމެ ގިނައިން ބައިނަލްއަޤުވާމީ ފްލައިޓްތައް އޮޕަރޭޓްކުރަމުންދާ އެއަރޕޯޓެވެ. "ޑިސެމްބަރު 2019އިން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް 3000އަށްވުރެ ގިނަ އިންޓަރނޭޝަނަލް ފްލައިޓް މި އެއަރޕޯޓަށް ވަނީ އޮޕަރޭޓްކުރެވިފައި. އަދި ޖުމްލަ 9000އަށްވުރެ ގިނަ ފްލައިޓާއި، 250،000އަށްވުރެ ގިނަ ފަސެންޖަރުންނަށް މި އެއަރޕޯޓުން ވަނީ ޚިދުމަތް ދެވިފައި،" އިޔާސް ވިދާޅުވިއެވެ.

މި އެއަރޕޯޓުން ދެމުންދާ ޚިދުމަތްތަކުގެ ތެރޭގައި އެތެރޭގެ އުދުހުންތަކުގެ އިތުރުން ޕްރައިވެޓް ޖެޓްތަކުގެ ޚިދުމަތްވެސް ހިމެނެއެވެ. އަދި މި އެއަރޕޯޓާއެކު އެ ސަރަހައްދުގައި 70އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދެވިފައިވާކަން އިޔާސް ފާހަގަކުރެއްވިއެވެ.

2022 ވަނަ އަހަރު އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ)ގެ އެހީތެރިކަމާއެކު މާފަރު އެއަރޕޯޓުގެ ރަންވޭ އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ފެށިގެންގޮސްފައިވެއެވެ. މި މަސައްކަތުގެ ދަށުން ރަންވޭ 2200 މީޓަރުން 2850 މީޓަރަށް ބޮޑުކޮށް، އެއާބަސް އޭ320 އާއި ބޮއިން 737 ފަދަ ބޮޑެތި މަތިންދާބޯޓުތައް ޖެއްސޭ ފެންވަރަށް ތަރައްޤީކޮށްފައިވެއެވެ.

2019 ވަނަ އަހަރު ހުޅުވި މާފަރު އެއަރޕޯޓަކީ 2020 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ބައިނަލްއަޤްވާމީ އެއަރޕޯޓެއްގެ ގޮތުގައި ޚިދުމަތްދެމުންދާ އެއަރޕޯޓެކެވެ. ނ، ރ އަދި ބ އަތޮޅުގައި ހުރި މަތީފަންތީގެ ރިސޯޓުތަކަށް އަންނަ ފަތުރުވެރިންގެ ތެރެއިން ޕްރައިވެޓް ޖެޓުތަކުގައި ދަތުރުކުރާ ފަރާތްތަކުން މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ މި އެއަރޕޯޓެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ