'އެމްއެމްޕީއާރުސީން ދޫކުރި ރަށްތައް އަތުލާ' މިނަމުގައި ހޮޓެލް ޖެން ކުރިމަތީ މުޒާހަރާކުރަމުން އެބަދެއެވެ.
މުޒާހަރާގެ ބައިވެރިން ހޮޓެލް ޖެން ކުރިމަތީ އެމްއެމްޕީއާރުސީ ޚިޔާނާތާއި ގުޅޭގޮތުން ތަފާތު ޝުޢޫރުތައް ފާޅުކުރަމުންދާއިރު، މިވަގުތު އެހޮޓެލްގައި ބޭންކް އޮފް މޯލްޑިވްސްގެ 36 ވަނަ އަހަރީ ޖަލްސާ ކުރިއަށް އެބަގެންދެއެވެ.
މުޒާހަރާގެ ބައިވެރިން ވަނީ ބީއެމްއެލްގެ އަހަރީ ޢާއްމު ޖަލްސާގައި ބައިވެރިވާން އައި މީހަކަށް ހަމަލާވެސް ދީފައެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުންވެސް ސާފުކުރަމުންދާއިރު، މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ ދޮގު މަޢުލޫމާތު ދިން މައްސަލަ މަޖިލީހުން ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.
އެމްއެމްޕީއާރުސީން ދޫކުރި ރަށްތައް އަތުލުމަށް ގޮވާލާ ބަޔަކު އަޑުއުފުލާއިރު، ޓޫރިޒަމް މިނިސްޓްރީން މަސައްކަތްޕުޅު ކުރައްވަނީ އިންވެސްޓަރުންނަށްވެސް ގެއްލުން ނުވާނޭހެން ދޫކޮށްފައިވާ ރިސޯޓްތައް ހުޅުވައި، ދިވެހިރާއްޖޭގެ އިޤްތިޞާދަށް ފައިދާވާނެ ގޮތަށް ކަންތައްތައް ނިންމުމަށެވެ.
އެސަރަހައްދުން މީހުން ހުސްކޮށް ފުލުހުން ދަނީ އެސަރަހައްދުގެ ސަލާމަތީ ކަންކަން މިހާރު ބަލަހައްޓަމުންނެވެ.




