އިންޑިއާގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަނިކޮށް އިންޑިއާ ސިފައިން ހިފެހެއްޓި ދިވެހި މަސްދޯނި ދޫކޮށްފައިފިއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، 12 މީހުންނާއެކު މަހަށް ނިކުމެ އުޅެނިކޮށް އިންޑިއާގެ ކޯސްޓްގާޑުން ހިފެހެއްޓި ރާއްޖޭގެ މަސްދޯނި، "ވީވަރު" ދޫކޮށްލާފައިވާ ކަމަށެވެ.
"އިންޑިއާ ކޯސްޓްގާޑުން ހިފެހެއްޓި ދޯނި، "ވީވަރު" ދޫކޮށްލައިފި. މި ދޯނީގައި ތިބީ 12 މީހުން." އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވިއެވެ.
ދިވެހި މަސްދޯނި އިންޑިއާގެ ޚާއްޞަ އިކޮނޮމިކް ޒޯންގެ ތެރެއިން ހިފަހައްޓާފައިވަނީ ވަރަށް ބޮޑަށް އެސަރަހައްދުގެ ތެރެއަށް ވަދެގެން އުޅެނިކޮށް ކަމަށްވެސް ރޭ އެމްއެންޑީއެފް އިން ވަނީ ވިދާޅުވެފައެވެ.
ދިވެހި މަސްދޯނި އިންޑިއާއިން ދޫކޮށްލާފައިވަނީ، ރާއްޖެއާ އެޤައުމާ ދެމެދު އޮތް ގާތް އެކުވެރިކަމަށް ބަލާފައި ކަމަށާއި، ދިވެހި މަސްދޯނިތައް އަވަށްޓެރި ޤައުމުތަކުގެ އިޤްތިޞާދީ ސަރަހައްދުތަކުގެ ތެރެއަށް ނުވަމަށް އިލްތިމާސް ކުރައްވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅިއެވެ.

"ކޯސްޓްގާޑުން އިލްތިމާސް ކުރަނީ، ރާއްޖޭގެ މަސްވެރި އުޅަނދުތައް އަވަށްޓެރި ޤައުމުތަކުގެ އިޤްތިޞާދީ ސަރަހައްދަށް ނުވަނުމަށާއި، އުޅަނދުފަހަރު އަމަލުކުރުމަށް ހެދިފައިވާ ރާއްޖޭގެ ޤާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް." އެމްއެންޑިއެފްގެ އިންފޮމޭޝަން އޮފިސަރ ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވިއެވެ.
އިއްޔެ ހަވީރު އިންޑިއާގެ ކޯސްޓްގާޑުން ހިފަހައްޓައި، މަލިކުގެ ވެރިރަށުގެ ބަނދަރުގައި ބާއްވާފައި އޮތް މި ދޯނި ރާއްޖެ އައުމަށް ދަތުރު ފަށާފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.