އެއްބާރުލުން ދިނުމުގެ މުހިންމު 7 އެއްބަސްވުމެއްގައި ދިވެހިރާއްޖެއާއި ސީޝެލްސްއިން މިއަދު ސޮއިކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒުނާ އަޙުމަދު ސީޝެލްސްއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދެޤައުމުން ސޮއިކުރެއްވި މި އެއްބަސްވުންތަކުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަވާފައި ވަނީ ސީޝެލްސްގެ ރައީސްގެ ރަސްމީ އޮފީހުގައެވެ.
ރައީސް އޮފީހުން ވިދާޅުވީ، މިއަދު ސޮއިކުރެއްވި އެއްބަސްވުންތަކުގެ ތެރޭގައި ދެޤައުމުގެ ސަރުކާރުގެ ދެމެދުގައި ގުޅުންބަދަހިކުރުމުގެ އެއްބަސްވުމަކާއި، ދެޤައުމުގެ ފޮރިންމިނިސްޓްރީގެ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމަކާއި ފަތުރުވެރިކަމުގެ ދާއިރާއާއި ނޫ އިޤްތިޞާދުގެ ދާއިރާއާއި ވޮކޭޝަނަލް ޓްރެއިނިންގ ދާއިރާއާއި ޒުވާނުން ކުރިއެރުވުމަށް ކުރެވޭ ކަންކަމާއި ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތައް ހިމެނޭ ކަމަށެވެ.

"މިއަދު ސޮއިކުރެއްވި އެއްބަސްވުންތަކުގެ ތެރެއިން ކުޅިވަރުގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމަކީ 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ރާއްޖޭގެ ކުޅުންތެރިން ތައްޔާރުކުރުމަށް ލިބޭ މުހިންމު ފުރުޞަތަކަށް ވެގެންދާނެ." ރައީސް އޮފީހުން ވިދާޅުވިއެވެ.
ޚާރިޖީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ވެވުނު އެއްބަސްވުމަކީ ރާއްޖެއާ ސީޝެލްސްއާ ދެމެދު މިހާރު އޮތް ޚާރިޖީގުޅުން އިތުރުދާއިރާތަކުން ފުޅާކޮށް އެކިއެކި ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ އެއްބަސްވުމެއް ކަމަށާއި، ފަތުރުވެރިކަމުގެ ދާއިރާއިން ސޮއިކުރެވުނު އެއްބަސްވުމާއި، ނޫ އިޤްތިޞާދުގެ ދާއިރާއާއި ތިމާވެށީގެ ދާއިރާއިން ވެވުނު އެއްބަސްވުންތަކުގެ ސަބަބުން ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތްކުރުމުގައި އެއްބާރުލުން އިތުރުކުރެވިގެންދާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ރައީސް އޮފީހުން އިތުރަށް ވިދާޅުވީ، ކުޅިވަރުގެ ދާއިރާއިން ސޮއިކުރެވުނު އެއްބަސްވުމާއި ވޮކޭޝަނަލް ޓްރެއިނިންގ ދާއިރާއިން ސޮއިކުރެވުނު އެއްބަސްވުމުގެ ސަބަބުން ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް ޒުވާނުން ބާރުވެރިކުރުވުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
ރާއްޖެއާ ސީޝެލްސްއާ ދެޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 1980 ވަނަ އަހަރުގައެވެ.