އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ ފްރޭމް ކޮށްގެން ހައްޔަރު ކުރެވިދާނެކަމުގެ އިންޒާރު ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ދެއްވިކަމަށް ލުޠުފީ ވިދާޅުވެއްޖެއެވެ.
ލުޠުފީ މިހެން ވިދާޅުވީ، އޭނާއަށް އިންޒާރުދިންކަން ހާމަވާ ފޯން ކޯލެއްގެ އޯޑިއޯ މީސްމީޑީއާގައި އާއްމުވުމާއި ގުޅިގެން "ސަންގު ޓީވީ" އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ލުތުފީ ވިދާޅުވީ ހޯމް މިނިސްޓަރ އިމްރާން އޭސީސީއަށް ވަޑައިގެން އަދި ފޯނުން ގުޅުއްވައި އިންޒާރު ދެއްވި ކަމަށެވެ.
"އަޅުގަނޑަށް އިންޒާރު ދިން. އިންޒާރު ދިން ވާހަކަ އަޅުގަނޑު އެ ކޯލްގައި (ލީކުވި ރެކޯޑިންގ) ގައި ދައްކާފައި އެއޮތީ. އަޅުގަނޑަށް އިންޒާރުދިން." ލުޠުފީ ވިދާޅުވިއެވެ.
ލުޠުފީ ވިދާޅުވީ، ފްރޭމްކޮށްގެންވެސް ހައްޔަރުކުރެވިދާނެކަމުގެ އިންޒާރު ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ އޭނާއަށް ދެއްވި ކަމަށެވެ.
"އާދެ އާދެ އަޅުގަނޑަށް ފްރޭމް ކޮށްގެންވެސް ތިމަންނައަށް ހައްޔަރުކުރެވިދާނެ ވާހަކަ އަޅުގަނޑާ ދިމާއަށް ބުނި. ތިމަންނަ ބޭނުން ކަމަށް ވެއްޖިއްޔާ ފްރޭމް ކޮށްގެންވެސް ކަލޭ ހައްޔަރުކުރެވިދާނޭ، ހަމަ ސީދާ އެގޮތަށް އަޅުގަނޑާ ވާހަކަދެއްކީ. ވާހަކަ ދައްކާފައި އިންޒާރުދިން އަޅުގަނޑަށް." ލުޠުފީ ވިދާޅުވިއެވެ.
އޭސީސީގެ ރައީސް ކަމުގައި ހުންނަވިކޮށް އޮފީހަށް ނުނިކުތުމަށް ބުނެ އިންޒާރު ދިންކަމަށް ލުޠުފީ ވިދާޅުވިއެވެ.
"އަޅުގަނޑު އޮފީހަށް ގޮސްފައި އަޅުގަނޑަށް އިންޒާރުދީފައި އަޅުގަނޑު އޮފީހަށް ނިކުމެގެން ނުވާނެ ކަމާއި، އަޅުގަނޑުގެ ނަމުގައި ހުރި ބޯޓުފަހަރާއި، ރިސޯޓްތަކާއި، ގެސްޓްހައުސްތަކާއި، އަޅުގަނޑަކަށް ނޭނގެ އެއެއްޗެހި ވީތަނެއް އަދިވެސް، އެއެއްޗެހި އަޅުގަނޑުގެ ނަމުގައި ހުރި ވާހަކަ، ދެން އެއެއްޗެހި ހޯއްދަވާފައި އަޅުގަނޑަށް ޚަބަރުކުރައްވާނެ ކަމަށް އަޅުގަނޑު މި އުއްމީދުކުރަނީ." ލުޠުފީ ވިދާޅުވިއެވެ.
ލުޠުފީ އިތުރަށް ވިދާޅުވީ، އޭގެ އިތުރުން ކާކުކަން ނޭނގޭ މީހުން ގުޅައި މަރުގެ އިންޒާރުވެސް ދީފައިވާ ކަމަށެވެ.
"އޭގެ ފަހުންވެސް އެކި އެކި މީސްމީހުން ލައްވާ، އަޅުގަނޑަކަށް ނޭނގެ ކާކުކަމެއް އެކަން ކުރުވީކީ، އަޅުގަނޑަށް ފޯނުކޮށްފައި ބިރުދައްކައި މަރުގެ އިންޒާރުދިން." ލުޠުފީ ވިދާޅުވިއެވެ.
ލުޠުފީ ވިދާޅުވީ، އިންޒާރު ދިން މައްސަލަ ކަމާބެހޭ އެއްވެސް އިދާރާއަކަށް ހުށަހަޅާފައި ނުވާނެ ކަމަށާއި، ރިޕޯޓް ނުކުރެއްވީ ހުށަހަޅައިގެން ވާނެ ކަމެއް އޮންނާނެ ކަމަށް ޤަބޫލުފުޅު ނުކުރައްވާތީއާއި އިންޞާފު ލިބިދާނެކަމަށް ޤަބޫލުފުޅު ނުކުރެއްވޭތީ ކަމަށެވެ.
"އެއްވެސް ސިފައެއްގައި ރިޕޯޓެއް ނުކުރަން. އަޅުގަނޑު ޤަބޫލެއް ނުކުރަން ރިޕޯޓްކޮށްގެން އޭގެން އެއްވެސް ފައިދާއެއް ވާނެކަމަކަށް. އަޅުގަނޑަށް ނުފެންނާތީވެ ނުކުރީ. އަޅުގަނޑަށް ޤަބޫލުނުކުރެވެނީ އިންސާފު ލިބިދާނެކަމަށް. " ލުޠުފީ ވިދާޅުވިއެވެ.
މިޚަބަރާއި ގުޅިގެން ހޯމް މިނިސްޓަރ އަށް ގުޅަން ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.
ހިޔާލު
އިމްރާ ތިކައްވެއްނުކުރާނެއޭބުނެވޭކައްނެތް އޭނާގެދޮގުހެދުމާއި މަކަރުހެދުމާ އޮޅުވާލުމުގައަ އޭނާާއެވަނީ އެއްއުސްކުރިބޯއްޓާހިސާބައްދަތުރުކޮއްފާ