އެމްޓީސީސީ ފެރީގެ ޚިދުމަތް މ. އަތޮޅަށާއި ދ. އަތޮޅަށް ފަށައިފިއެވެ.
ފެރީގެ ޚިދުމަތް ވަނީ މ. އަތޮޅާއި ދ. އަތޮޅުގެ ހުރިހާ ރަށަކަށްވެސް ދޭން ފަށާފައެވެ. އެގޮތުން އެމްޓީސީސީން މ. އަތޮޅަށް ފެރީގެ ޚިދުމަތް ފަށާފައިވަނީ ޖުލައި 27 ވަނަ ދުވަހުއެވެ. އަދި ދ. އަތޮޅަށް ފެރީގެ ހިދުމަތް ފަށާފައިވަނީ އިއްޔެ އެވެ.
މި ދެ އަތޮޅަށް ވެސް ކުރިން ފެރީގެ ޚިދުމަތް ދެއްވާފައި ވަނީ ވާމިލިއަން ކުންފުނިންނެވެ. ނަމަވެސް އެކުންފުނިން ވަނީ އެ ދެ އަތޮޅަށް ދެމުން އައި ފެރީގެ ޚިދުމަތް ހުއްޓަލައިފައެވެ. އަދި މީގެ އިތުރުން އެ ކުންފުނިން ވަނީ ފ. އަތޮޅަށް ވެސް ދެމުންއައި ފެރީގެ ހިދުމަތް މެދުކަނޑާލައިފައެވެ.
މި ތިން އަތޮޅަށް ފެރީގެ ޚިދުމަތް ދިނުމަށްޓަކައި ވާމިލިއަން ކުންފުންޏަށް ވަނީ ދަޢުލަތުން ދެ ރަށް ރިސޯޓް ތަރައްޤީ ކުރުމަށް ދެއްވާފައެވެ. މީގެ ބަދަލެއްގެ ގޮތުން މި ކުންފުނިން އެ ތިން އަތޮޅަށް ފެރީގެ ޚިދުމަތް ދެއްވަން ޖެހެއެވެ. ނަމަވެސް އެ ކުންފުނިން ފެރީގެ ޚިދުމަތް ހުއްޓާލައިވީ ނަމަވެސް އެ ދެ ރަށުގައި އަންނަނީ ރިސޯޓް ހިންގަމުންނެވެ.
އެ ކުންފުންޏަށް ދަޢުލަތުން ރިސޯޓް ހަދަން ދީފައިވާ ދެ ރަށަކީ ދ. ވޮއްމުލީގައި ހިންގާ ސެއިންޓް ރީޖިސް އާއި ދޫރެސްގައި ހިންގާ އާވީ ރިސޯޓެވެ.
މި މައްސަލައާއި ގުޅިގެން އެކުންފުންޏާއިމެދު އަޅާނެ ފިޔަވަޅެއް ބެލުމަށް އެޓާނީ ޖެނެރަލްގެ ލަފަޔަކަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އެދިލައްވާފައެވެ.



