ޔާމީންގެ ބަޔާން އޭސީސީއަށް ޑްރާފްޓް ކޮށްދިނީ ރައީސް އޮފީހުން!

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން އޭސީސީ އިން ނެންގެވި ބަޔާން ޑްރާފްޓް ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށް އޭސީސީގެ ރައީސް މުއައްވިޒް ރަޝީދު އެއްބަސްވެލައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް އެއްބަސްވެލައްވާފައިވަނީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގައި ދާދި ދެންމެ ރައީސް ޔާމީން މުއައްވިޒަށް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މާލަމުގައި ހެކިބަސް ދެއްވަމުންނެވެ.

ރައީސް ޔާމީން މުއައްވިޒް އަށް ސުވާލު ކުރެއްވީ، ރައީސް ޔާމީން އާ އޭސީސީގެ ރައީސް އަދި ނައިބު ރައީސް ރައީސް އޮފީހުގައި ބައްދަލުކޮށް ބަޔާން ތައްޔާރުކުރައްވަން ކިހާ އިރެއް ހޭދަވި ކަމާމެދުގައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން މުއްވިޒް ފުރަތަމަ ވިދާޅުވީ، އެކަމަށް ހޭދަވި ވަގުތު ހަނދުމަފުޅު ނެތްކަމަށެވެ.

އެއާއެކުގައި ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ މައްޗަށް އޭސީސީ އިން ތުހުމަތު ނުކުރައްވާ ކަމަށާއި، ބައްދަލުކޮށްފައިވަނީ މަޢުލޫމާތު ސާފުކުރުމަށް ކަމަށެވެ. އަދި ބަޔާނާ ގުޅޭގޮތުން ރައީސް ޔާމީން އިތުރަށް ސުވާލުކުރެއްވިއެވެ.

އެކަމާ ގުޅިގެން މުއައްވިޒް ވިދާޅުވީ، ރައީސް އޮފީހުން އަމިއްލައަށް ބަޔާން ތައްޔާރުކުރަން ބޭނުންފުޅުވެގެން ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރ އާޒިމާ ޝަކޫރު އެދިލެއްވި ކަމަށެވެ. އަދި އެގޮތަށް އެދުމާއި ގުޅިގެން ރައީސް ޔާމީންގެ ބަޔާނުގެ ޑްރާފްޓް ތައްޔާރުކުރުމުގެ ފުރުޞަތު ރައީސް އޮފީހަށް ދެއްވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން މުއައްވިޒް އިތުރަށް ވިދާޅުވީ، ބަޔާނުގައި ހިމަނަން އޭސީސީ އިން ބޭނުންފުޅުވާ ސުވާލުތައް ރައީސް އޮފީހަށް ފޮނުވީ އީމެއިލް އިން ކަމަށާއި، އެ ސުވާލުތަކުގެ މައްޗަށް ބިނާކޮށް ރައީސް އޮފީހުން ބަޔާން ތައްޔާރުކޮށް އޭސީސީއަށް ފޮނުވުމުން އެ ބަޔާން ފައިނަލް ކޮށްފައިވާނީ އޭސީސީ އިން ކަމަށެވެ.

ރައީސް ޔާމީންއާ މި މައްސަލައިގައި އޭސީސީ އޭރުގެ ރައީސް އައި އޭރުގެ ނައިބު ރައީސް ބައްދަލުކުރައްވާފައިވަނީ، ރައީސް އޮފީހުގެ ވަކި ކޮޓަރިކޮޅެއްގައެވެ.

އެސްއޯއެފްގެ ފައިސާއަކީ ޤާނޫނާ ޚިލާފު ފައިސާކަމަށް އޭސީސީއިން މިހާތަނަށް ނިންމާފައި ނުވާކަމަށްވެސް އޭސީސީގެ މިހާރުގެ ރައީސް މުއައްވިޒް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ