ފޮރިންގ މިނިސްޓަރ ފްރެޑިރީކާ މޮގުރީނީ އާއި ބައްދަލުކުރައްވަނީ - ފޮޓޯ: އީޔޫ

އީޔޫ ކޮމިޝަންގެ ނައިބު ރައީސް މަޖިލީހުގައި ތަގުރީރުކުރައްވަނީ

ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ހާރިޖީ ގުޅުންތަކާބެހޭ އެންމެ މަތީ ވެރިޔާ ފްރެޑިރީކާ މޮގުރީނީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވާނެކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ފްރެޑިރީކާ މޮގުރީނީ ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރު ކުރައްވާނެ ވަކި ދުވަހެއް ނަޝީދު ވިދާޅުވެފައި ނުވާއިރު، ފޮރިން މިނިސްޓްރީން ވިދާޅުވީ މޮގުރީނީ ރާއްޖެ ވަޑައިގަންނަވާ ތާރީހެއް މި ހަފްތާގެ ތެރޭގައި އިއުލާނުކުރާނެކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވީ، މޮގުރީނީ ތަގުރީރު ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ރަސްމީ ޖަލްސާއެއްގައި ނޫން ނަމަވެސް އެދުވަހު ވީހާވެސް ގިނަ އިއްޒަތްތެރި މެންބަރުން ވަޑައިގެންދެއްވުން އެދިވަޑައިގަންނަވާ ކަމަށެވެ.

ޔޫރަޕިއަން ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުވެސް އަދާކުރައްވާ މޮގުރީނީ ތަގުރީރުކުރައްވާ ޖަލްސާއަށް ބޭރުގެ ސަފީރުންގެ އިތުރުން، ރާއްޖޭގައި ވިޔަފާރިކުރާ ޔޫރަޕުގެ ކުންފުނިތަކުގެ ވެރިންނާއި، ރިސޯޓުތަކުގެ އިސް ބޭފުޅުންގެ އިތުރުން ކަމާބެހޭ އެހެނިހެން ދާއިރާތަކުގެ ބޭފުޅުންނަށް ދައުވަތު އަރުވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މޮގުރީނީ މަޖިލީހުގައި ތަޤްރީރު ކުރައްވާކަން އިއުލާން ކުރެއްވުމަށްފަހު ރައީސް ނަޝީދު ވިދާޅުވީ، މިދިޔަ ރިޔާސީ އިންތިހާބު ގާތްވެފައިވަނިކޮށް އިންސާފުވެރި އިންތިހާބެއް ކަށަވަރުކުރުމަށްޓަކައި އޭރުގެ ސަރުކާރުގައި ތިއްބެވި ވަކިވަކި ބޭފުޅުންނަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ބޭފުޅަކީ މޮގުރީނީކަމަށެވެ.

"...އަޅުގަނޑަށް ފެންނަފެނުމުގައި އިންސާފުވެރި އިންތިހާބެއް ދިވެހި ރައްޔިތުންނަށް ހޯދައިދިނުމުގައި އެންމެ އިސް ދައުރެއް އަދާކޮށްދެއްވި އެއް ބޭފުޅަކީ މޮގުރީނީ،" ނަޝީދު ވިދާޅުވި އެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ހާރިޖީ ގުޅުންތަކާބެހޭ އެންމެ މަތީ ވެރިޔާ ފްރެޑިރީކާ މޮގުރީނީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވަން ހަމަޖެއްސެވިއިރު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވެސް ވަނީ ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ތަޤްރީރުކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް