ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ: ތާރީޚުގެ ތެރެއަށް އަވަސް ނަޒަރެއް

މުސްލިމުންގެ މުޤައްދަސް ބިމެއް ކަމުގައިވާ ފަލަސްތީނަށް އަތްގަދަ ކުރުމުގެ ރޭވުންތައް ޔަހޫދީން ފުރަތަމަ ކޮށްފައިވަނީ 19 ވަނަ ޤަރުނުގެ ތެރޭގައެވެ. އެގޮތުން މީލާދީން 1800 ގެ އަހަރުތަކުގެ ތެރޭގައި ފަލަސްތީނުގެ ބިމުގައި ޔަހޫދީން ވަޒަންވެރިކުރުވުމުގެ ރޭވުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅެމުންދިޔަ ޔަހޫދީން ރާވަމުން ގެންދިޔައެވެ.

މިރޭވުންތަކުގެ ނަތީޖާއެއްގެ ގޮތުން ޒަޔަނިސްޓް ހަރަކާތެއް އުފައްދާ 1897 ވަނަ އަހަރު ސްވިޓްޒަލޭންޑްގައި މިހަރަކާތުގެ ފުރަތަމަ ބައްދަލުވުން ބޭއްވިއެވެ. މިބައްދަލުވުމުގައި އިޢުލާނު ކުރެވުނު ޕްރޮޓޮކޯލްގައިވަނީ ފަލަސްތީނުގެ ބިމުގައި ޔަހޫދީންގެ ދައުލަތެއް އުފެއްދުމުގެ ޕްލޭނާއި މުޅި ދުނިޔެއަށް ޔަހޫދީންގެ އަތްގަދަކުރާނެ ގޮތުގެ އުކުޅުތަކެވެ. މީގެ އިތުރުން ދުނިޔޭގެ ބޮޑެތި ޤައުމުތައް ޒަޔަނިސްޓުންގެ ހަރަކާތްތަކަށް ރުއްސާނެ ގޮތުގެ މަގުޗާޓެއް ރަސްމީކޮށް މިބައްދަލުވުމުގައި އިޢުލާނުކުރެވިގެން ދިޔައެވެ.

1914 ވަނަ އަހަރު ފެށުނު ދުނިޔޭގެ ފުރަތަމަ ބޮޑު ހަނގުރާމައިގައި ފަލަސްތީނުގެ އޭރުގެ ބެލެނިވެރި ފަރާތްކަމުގައިވާ ތުރުކީގައި އޮތް އުޘްމާނީ ޚިލާފަތް އޮތީ ޖަރުމަނުވިލާތާއި އިޓަލީވިލާތާއެކުއެވެ. 1918 ވަނަ އަހަރު ޖަރުމަނުވިލާތް ބަލިވެ ހަނގުރާމަ ނިމުމާއެކު އުޘްމާނީ ޚިލާފަތުގެ ދަށުގައި އޮތް ބިންތައް ފަރަންސޭސިންނާއި އިނގިރޭސިންގެ މެދުގައި ބަހާލެވުނެވެ. އެގޮތުން ފަލަސްތީނުގެ ބިން ދިޔައީ އިނގިރޭސީންގެ އަތްދަށަށެވެ.

ފުރަތަމަ ބޮޑު ހަނގުރާމައަށް ފަހު އުފެދިގެން އައި ލީގް އޮފް ނޭޝަންސްގެ ނިޒާމްގެ ތެރެއިން ފަލަސްޠީނުގެ ބިމާއި ރައްޔިތުންގެ ބާރުތައް އިނގިރޭސިންނަށް ލިބިގެން ދިޔައެވެ. ފަލަސްތީނުގެ ބިން އިނގިރޭސީންނާ ލީގް އޮފް ނޭޝަންސް އިން ހަވާލުކުރީ ފަލަސްޠީނުގެ އާބާދީއަށް އެއްވެސް ބަދަލެއް ނުގެނައުން ޝަރުތުކޮށްފައެވެ. ނަމަވެސް ފުރަތަމަ ބޮޑު ހަނގުރާމައިގައި އިނގިރޭސިންނަށް ލިބުނު މާލީ ގެއްލުންތަކުގެ ސަބަބުން ފައިސާއަށް ބޭނުންވެފައި ތިބި ވަރުން، މުއްސަނދި ޔަހޫދީންގެ މުށުތެރެއަށް އިނގިރޭސި ދައުލަތް ދިޔައެވެ. މިއާއެކު ޝަރުތާއި ޚިލާފަށް ޔަހޫދީން ފަލަސްޠީނުގެ ބިމަށް ހިޖްރަކޮށް ވަޒަންވެރިވުމުގެ ހުއްދަ ދީ އެކަމާބެހޭ މުއާހަދާއެއް އެކުލަވާލިއެވެ. މި މުއާހަދާއަށް ދީފައިވާ ނަމަކީ "ބެލްފޯ ޑެކްލަރޭޝަން" އެވެ.

މިމުއާހަދާއަށްފަހު ވިލާތުގެ ޤައުމުތަކުން ފަލަސްތީނުގެ ބިމަށް ޔަހޫދީން ހިޖުރަކުރުން އިތުރުވެގެންދިޔައެވެ. އަދި ހިޖުރަކުރާ ޔަހޫދީންނާއި ފަލަސްތީނު ރައްޔިތުންނާމެދު ކުރިމަތިލުންތައް ހިނގަމުންދިޔައެވެ. މިކުރިމަތިލުންތަކާއި ހަމަނުޖެހުންތައް 1947 ވަނަ އަހަރާއި ހަމައަށްވެސް ދެމިގެންދިޔައެވެ.

ލީގް އޮފް ނޭޝަންސް އުވި ދެވަނަ ބޮޑު ހަނގުރާމައަށްފަހު އުފެދުނު ޔުނިޓެޑް ނޭޝަންސް (އ.ދ) އިން 1947 ވަނަ އަހަރު ފަލަސްތީނުގެ ބިންތައް ބަހާލިއެވެ. އެގޮތުން ފަލަސްތީނު ބިމުގެ 55 އިންސައްތަ ޔަހޫދީންއަށް ދިނެވެ. ހުޅަނގު އައްސޭރިއާއި ޣައްޒާ ފަލަސްތީނުގެ ރައްޔިތުންނަށް ދިނުމަށްފަހު މުސްލިމުންގެ ފުރަތަމަ ޤިބްލަ ކަމުގައިވާ މަސްޖިދުލް އަޤްޞާ ހުންނަ ޤުދުސްއަކީ އ.ދ ގެ ޓްރަސްޓީޝިޕެއްގެ ގޮތުގައި ކަނޑައެޅިގެންދިޔައެވެ. މިއާއެކު 1948 ވަނަ އަހަރު ފަލަސްތީނުގެ ބިމަށް ހިޖުރަކޮށްގެން ތިބި ޔަހޫދީން އެބިމުގައި އިސްރާއިލް ނަމުގައި ދައުލަތެއް އިޢުލާނުކުރިއެވެ.

ފަލަސްތީނުގެ ބިމަށް ވެރިވެގަތް ވިލާތުގެ ޤައުމުތަކުގެ ޔަހޫދީން ފަލަސްތީނުގެ ބިމުގައި މިނިވަން ދައުލަތެއް އިޢްލާން ކުރުމާއެކު ޢަރަބި ގައުމުތަކުން ފަލަސްތީނު މިނިވަން ކުރުމަށްޓަކައި އިސްރާއީލާ ދެކޮޅަށް ހަނގުރާމަ އިއުލާނުކުރި އެވެ. މި ހަނގުރާމަ ކޮށްފައިވަނީ 1948 ވަނަ އަހަރާއި 1949 ދެމެދު އެވެ. އެހެން ނަމަވެސް މި ހަނގުރާމައިގައި ޢަރަބި ގައުމުތައް ނާކާމިޔާބުވެ ފަލަސްޠީނުގެ ބިމުގެ އިތުރު ބައިތައް އިސްރާއީލުން އަތްދަށުލައި ފަލަސްތީނުގެ ބިމުގެ 78 އިންސައްތަ ބިމަށް އިސްރާއީލުގެ ޔަހޫދީން ވެރިވެގަތެވެ.

އަނެއްކާވެސް 1967 ވަނަ އަހަރު އިސްރާއީލާއި އަރަބި ޤައުމުތަކުން ހަނގުރާމައެއް ކުރެވުނެވެ. މަޝްހޫރު ހަދުވަހުވަހުގެ މި ހަނގުރާމައިގައި ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާ އިސްރާއިލުން ހިފިއެވެ. އަދި މިޞްރުގެ ސީނާއާއި ސޫރިޔާގެ ގޯލާންގެ ބިންތަކުގެ އިތުރުން އުރުދުންގެ ވާދީގެ ބައެއް ބިންތައްވެސް އިސްރާއިލުން ހިފިއެވެ. މިބިންތައް ދޫކޮށްލާ އެތަންތަނުން އިސްރާއިލްގެ ސިފައިން ފޭބުމަށް ގޮވާލާ އ.ދ ގެ ސަލާމަތީ މަޖްލީހުން ޤަރާރެއް ފާސްކުރިއެވެ. މިއަދާ ޖެހުނު އިރުވެސް އިސްރާއިލުން މިޤަރާރަށް އަމަލުކޮށްފައިނުވާއިރު މިބިންތަކުގައި އިސްރާއިލުން ގެންދަނީ ޤާނޫނުތަކާއި ޚިލާފަށް ޔަހޫދީން ވަޒަންވެރިކުރުވަމުންނެވެ.

ފަލަސްތީނު މިނިވަން ކުރުމަށްޓަކައި އިސްރާއީލާ ދެކޮޅަށް ޖިހާދު ކުރުމަށް 1964 ވަނަ އަހަރު، ޕެލަސްޓައިން ލިބަރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ)ގެ ނަމުގައި ފަލަސްތީނުގެ ރައްޔިތުން ޖަމާއަތެއް އުފެއްދި އެވެ. މި ޖަމާއަތުގެ ބާނީއަކީ ފަލަސްތީނުގެ ކުރީގެ ޒަޢީމް ޔާސިރު އަރަފާތު އެވެ. އަދި އަރަފާތުގެ ލީޑަރޝިޕްގެ ދަށުން އުރުދުންއާއި ލުބްނާނުގެ ބިންތަކުގައި ފަލަސްތީނުގެ މުޖާހިދުން ތިބެގެން ޕީއެލްއޯ އިން އިސްރާއީލާ ދެކޮޅަށް މިނިވަން ކަމުގެ ޖިހާދެއް ކުރަންފެށި އެވެ. މިގޮތަށް 1964 ވަނަ އަހަރުން 1982 ވަނަ އަހަރަށް ޕީއެލްއޯއިން އިސްރާއީލާ ދެކޮޅަށް ފިދާޢީ ހަމަލާތައް ދެމުން ދިޔައެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް