ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް

ކިތަންމެ ފޮނު އެރުވިޔަސް އަދީބު ވާނީ ވަގަކަށް – ނިޔާޒު

ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބް ޢަބްދުލްޤަފޫރަކީ ވަގެއް ނޫންކަމަށް ނުވާނެ ކަމަށް ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިނިވަން ޝަރީއަތެއްގައި އަދީބުގެ މައްޗަށް ސާބިތު ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެކަމަށް ބުނެ މޫސާ އަންވަރު ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވައި، ނިޔާޒް ވިދާޅުވީ، ކިތަންމެ "ފޮނު އެރުވިޔަސް" ވަގެއް ވާނީ ވަގަކަށް ކަމަށެވެ.

"ކިތަންމެ ފޮނު އެރުވިޔަސް ވަގެއް ވާނީ ވަގަކަށް. ވިކިފައި ހުރީމަ އަދި އަދީބު ވަގަށް ނެގި ފައިސާއިން މަންފާ ލިބޭތީ، ދެލޯ އަނދިރިވެފައި ހުއްޓަސް އަދީބު ކުރި ވައްކަން އެހެރީ ފެންނަން." ނިޔާޒުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ނިޔާޒު ވިދާޅުވީ، ހަމައެކަނި ދ.މާގަ ވަގަށް ވިއްކައިގެންވެސް 2.5 މިލިއަން ޑޮލަރު އަދީބުގެ އެކައުންޓަށް ޖަމާކުރި ކަމަށެވެ.

މޫސާ އަންވަރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ނިޔާޒު އިތުރަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މީހުންގެ ތައްޕާހުން ނޫން ގޮތަކަށް އުޅެން ދަސްކުރަންޖެހޭ ކަމަށެވެ.

"ކޮރަޕްޓްވެގެން އަޅުގަނޑު ކުރިކަމެއް ނުދެއްކޭނެ. އެ ޔަޤީންކަން އަޅުގަނޑުގެ އަމިއްލަ ނަފްސަށް އެބައޮތް. ހިތްވަރެއް ހުރިއްޔާ ކޮރަޕްޓް މީހެކޭ ނުކިޔާ ކޮރަޕްޓްވެގެން ކުރި ކަމެއް ދައްކަންވީނު." ނިޔާޒަކީ "ކޮރަޕްޓް ޕަޕެޓެއް" ކަމަށް ބުނި ބުނުމަށް ރައްދު ދެއްވާ ނިޔާޒު ވިދާޅުވިއެވެ.

ނިޔާޒްގެ ވާހަކަތަކަށް ރައްދު ދެއްވައި މޫސާ އަންވަރު ވިދާޅުވީ، އެއްވެސް މީހެއްގެ ތައްޕާހުން ނޫޅުއްވާ ކަމަށާއި، ޤާސިމް އިބްރާހީމްގެ ވިލާ ފައުންޑޭޝަނުން ނެންގެވި ސްޓޫޑެންޓް ލޯޏެއް ފިޔަވައި، ކަލަ ގޮވޭނެ ވަރުގެ ކަމެއްވެސް ނޯންނާނެ ކަމަށެވެ.

އަދީބު ޓުއަރިޒަމް މިނިސްޓަރަކަށް ހުންނެވިއިރު، ރައީސް ޔާމީންގެ ވެރިކަމުގެ ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ އޭސީސީގެ ތަހްޤީޤު ރިޕޯޓް އާއްމުކޮށްފައިވާއިރު، އެ ޚިޔާނާތުގެ އަޑުތައް އަނެއްކާވެސް ގަދަވެ އެކަކު އަނެކަކަށް އިނގިލި ދިއްކުރުން ވަނީ ގިނަވެފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ