ށ.އަތޮޅުން ފުރައިގެން މާލެއަށް ދަތުރުކުރި 43 ފޫޓްގެ ލޯންޗެއް ފަރަކަށް އަރައިފިއެވެ.
"ރޯޔަލް ސްޕީޑް" ނަމަކަށް ކިޔާ ލޯންޗު ފަރަށް އެރިއިރު އެވަގުތު ލޯންޗުގައި ހަތަރު މީހުން ތިބިކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
މި ލޯންޗު އަރާފައިވަނީ ނ.ދެކެނަންފަރު ނަމަކަށް ކިޔާ ފަޅުރަށް ކައިރީ އޮތް ފަރަކަށެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، މި ހާދިސާގެ ރިޕޯޓް ލިބުމުން އެމްއެންޑީއެފް ކޯސްތްގާޑް ސްކޮޑްރަން އިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް އަށް ލިބިފައިވަނީ ރޭ މެންދަމު 01:05 ހާއިރު ކަމަށްވެސް އެ ސަރވިސް އިން ވަނީ ވިދާޅުވެފައެވެ.
މި ލޯންޗު ފުންކުރުމަށްޓަކައި ލޯންޗުގެ ވެރިފަރާތާއި ގުޅިގެން އެހެން އުޅަނދެއް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ލޯންޗު ފުންކުރުމުގެ މަސައްކަތުގައި ކޯސްޓްގާޑުގެ ޑައިވެރިން ދަނީ ހަރަކާތްތެރިވަމުުންނެވެ.
އަޟްޙާ އީދަށް ގިނަ ބަޔަކު އެއްރަށުން އަނެއް ރަށަށް ދަތުރުކުރަމުންދާއިރު، ފުލުހުންނާއި ސިފައިން ދަނީ ކަނޑުއަނދުތައް ބަލާ ޗެކް ކުރުމުގެ ޚާއްޞަ އޮޕަރޭޝަންތަކެއްވެސް ހިންގަމުންނެވެ.