ގދ.އަތޮޅަށް ކުރަމުންދާ ވިއްސާރައިގައި ރޮބިންސަން މޯލްޑިވްސް ރިސޯޓްގެ ސަޕްލައި ދޯންޏެއް އޮޔާގޮސް، ހޯޑެއްދޫ ބަނދަރުގައި ބަހައްޓާފައިހުރި ހުސް ކަޅުހަންތަކެއް އޮޔާގޮސްފިއެވެ.
ފުލުހުން ވިދާޅުވީ، ރޭ ގދ.އަތޮޅަށް ކުރި ވިއްސާރައިގައި ރޮބިންސަން މޯލްޑިވްސް ރިސޯޓްގެ "ނޫރު" ނަމަކަށް ކިޔާ ސަޕްލައި ދޯނި އެ ރިސޯޓްގެ ފައްތިޔަލުގައި އަޅާފައި އޮއްވާ އޮޔާ ގޮސްފައިވާ ކަމަށެވެ.
ރޭ އޮޔާދިޔަ މި ދޯނި ފެނިފައިވަނީ މިއަދު ހެނދުނު 10:50 ހާއިރު ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މީގެ އިތުރުން ރޭ މެންދަމު 01:00 ޖަހާކަންހާއިރު ހޯޑެއްދޫ ބަނދަރުމަތީގައި ބަހައްޓާފައި ހުއްޓާ ވަޔާ ގޮސް މޫދަށް ވެއްޓި އޮޔާދިޔަ ބޮޑު ދެ ކަޅުހަން އަދިވެސް ނުފެންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.
"ކަނޑުދަތުރުކުރައްވާ ފަރާތްތައް މި ކަންތައްތަކަށް ސަމާލުވެލެއްވުމަށް ދަންނަވަން." ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، ކަޅުހަންތަކާ ގުޅޭ މަޢުލޫމާތު ތިނަދޫ ޕޮލިސް ސްޓޭޝަނުގެ ނަންބަރު 9792358 އަށް ގުޅައި ވީހާވެސް އަވަހަކަށް ހިއްސާކުރެއްވުމަށް ފުލުހުން އެދިލައްވައެވެ.