ޅ.ދިއްފުށިމާދޫ އިރުމަތީ ފަރާތު ފަރަށް ސަފާރީއެއް އަރައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، ދިއްފުށި މާދޫ ފަރަށް އަރާފައިވަނީ "މުނާ ޔޮޓް" ނަމަކަށް ކިޔާ ސަފާރީއެއް ކަމަށެވެ.
"މުނާ ޔޮޓް" ފަރަށް އެރިކަމުގެ މަޢުލޫމާތު އެމްއާރުސީސީއަށް ލިބިފައިވަނީ ރޭ ފަތިހު 05:29 ގައި ކަމަށާއި، ހާދިސާ ހިނގި ސަރަހައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑް ސްކޮޑްރަން ގެ ސިފައިން ހަރަކާތްތެރިވަމުން އަންނަކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ފަރަށް އެރިއިރު ސަފާރީގައި ތިބީ 4 ދިވެހިންނާއި، ބިދޭސީއެއް ކަމަށެވެ.
ފުލުހުން ވިދާޅުވީ، މި ޔޮޓަކީ ޅ.ކުރެންދޫ އައިލެންޑް ރިސޯޓްގެ ޔޮޓެއް ކަމަށާއި، ޔޮޓް ފަރަށް އަރާފައިވަނީ ދިއްފުށިމާދޫ ބޭރުގައި އަޅާފައި އޮއްވާ، މޫސުން ގޯސްވެ ވައި ގަދަވުމުގެ ސަބަބުން ކަމަށެވެ.
ޔޮޓް ފަރަށް އެރުމުން ޔޮޓްގައި ތިބި މީހުން ފަތާފައި ދިއްފުށިމާދޫއަށް އަރާފައިވާ ކަމަށާއި، ޔޮޓް ފުންކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިދުވަސްވަރަކީ ރާއްޖެއަށް ވިއްސާރަކުރަމުންދާ ދުވަސްވަރަކަށްވާއިރު، ކަނޑުމަތީގެ ހާދިސާތަކާއި، ފެންބޮޑުމުގެ ހާދިސާތައް ދަނީ އިތުރުވަމުންނެވެ.