ހީނާމާގެ ހުރި ތަނުގައި ހުރި މެކޭނިކަލް ޕާކިންގ ސިސްޓަމްތައް ނަގައި، އަލުން އެތާގައި ޕާކިންގ ޒޯނެއް ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފިއެވެ.
މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް ޕީއެސްއެމްއަށް ވިދާޅުވެފައި ވާގޮތުގައި ހީނާމާގެ ހުރިތަނުގައި ކުރިން ހަދާފައިހުރި މެކޭނިކަލް ޕާކިންގ ސިސްޓަމްތައް ނަގައި އެތަނުގައި ވެހިކަލްތަކަށް ޕާކު ކުރެވޭނެ ގޮތް ހަދަން ނިންމީ މަޖީދީމަގުގެ އެއްފަރާތުގައި ޕާކް ކުރާ ކުރުން މަދުކޮށް ހިނގާބިނގާވެ އުޅޭ މީހުންނަށާއި އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށެވެ.
އެތަނުގައި ހަތަރު ފުރޮޅުލީ އުޅަނދާއި ދެ ފުރޮޅުލީ އުޅަނދަށްވެސް ޕާކްކުރެވޭނެ ގޮތަށް އެތަން ތަރައްޤީ ކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން މިހާރު ދަނީ ކުރަމުންނެވެ. އެ ކައުންސިލުން މަޢުލޫމާތު ދޭގޮތުގައި މިމަސް ނިމުމުގެ ކުރިން ޕާކިންގޒޯނުގެ މަސައްކަތް ނިންމައި އާންމުންނަށް ހުޅުވާލުމަށް މަސައްކަތް ދަނީ ކުރަމުންނެވެ. ކުރީގެ ސަރުކާރުން އެތާގައި ބަހައްޓާފައި ހުރި މެކޭނިކަލް ޕާކިންގ ސިސްޓަމްތައް މިހާރު ވަނީ އެތަނުން ނަގާފައެވެ.
މިނިދިޔަ ސަރުކާރުން މާލޭގެ އެކި ސަރަޙައްދުތަކުގައި މެކޭނިކަލް ޕާކިންގ ސިސްޓަމްތައް ޤާއިމްކުރިނަމަވެސް އޭގެ ބޭނުންނުކޮށް ގިނަ ދުވަސް ވުމުގެ ސަބަބުން އެ ސިސްޓަމްތައް ވަނީ ދަބަރުޖަހާ މުޅިން ހަލާކުވެފައެވެ. އެހެންކަމުން އެތަންތަނުގައި ފަސޭހައިން ޕާކު ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. މިހާރުވެސް ސިޓީކައުންސިލުން ވަނީ މާލޭ ވިޔަފާރިވެރިންގެ މިސްކިތް ކައިރީގައި ހުރި މެކޭނިކަލް ޕާކިންގ ސިސްޓަމާއި ފުރުޤާން މިސްކިތް ކުރިމަތީގައި ބަހައްޓާފައިހުރި މެކޭނިކަލް ޕަކިން ސިސްޓަމްވެސް ނަގާފައެވެ.
މާލެސިޓީ ކައުންސިލްގެ އަމާޒަކީ މާލޭގައި މިގޮތަށްހުރި ތަންތަން ހުސްކޮށް އާންމުންނަށް ފަސޭހައިން ޕާކު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށް ވަނީ ވިދާޅުވެފައެވެ.




