އެއްގަމު އުޅަނދުން ތޮއްޖެހުމުގެ މައްސަލައިގެ ހައްލު ކެބިނެޓަށް ވާނީ ހުށަހަޅާފައި - މިނިސްޓަރ

ދިވެހިރާއްޖޭގެ ވެރިރަށް މާލެއަށް ދިމާވެފައިވާ އެއްގަމު ދުއްވާ އުޅަނދުތަކުން ތޮއްޖެހުމުގެ މައްސަލައިގެ ހައްލު ހިމެނޭ ފުރިހަމަ ކަރުދާހެއް ކެބިނެޓަށް ހުށަހަޅާފައިވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ޕާކިންގ ގެ މައްސަލައިގައި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ސުވާލުކުރަން ހުށަހަޅުމުން، މިނިސްޓަރ ނަހުލާ މަޖިލީހަށް ހާޒިރުވެ ޖަވާބުދާރީވަމުން ވިދާޅުވީ، މާލޭގައި ޕާކިންގ ބިލްޑިންގ ތަކެއް ހެދިކަމުގައި ވިޔަސް ޕާކް ކުރުމުގެ މައްސަލައަށް މުޅިން ހައްލު ނުލިބޭނެ ކަމަށެވެ.

"މާލޭގައި ޕާކް ކުރާނެ ތަންތަން އަދި ޕާކް ކުރާނެ ބިލްޑިންގ ހެދިކަމުގައި ވީނަމަވެސް މާލޭގެ ޕާކިންގ އަށް މުޅިން ހައްލު ލިބިގެންދާނީ މާލޭގައި ރަޖިސްޓްރީ ކުރެވޭ އުޅަނދުފަހަރު ކޮންޓްރޯލް ކުރެވިގެން." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ދިވެހިންގެ އާދަކާދަތައް ހުންނަގޮތުން ކޮންމެ ބޭފުޅަކުވެސް އެބޭފުޅަކު އެދާތަނެއްގެ ކުރިމަތީގައި ޕާކް ނުކުރެވޭނަމަ ޕާކިންގ ޒޯނަކަށް ބެލުމެއްނެތި ޕާކް ކުރަމުންދިއުމަކީ މިއަދުވެސް ހަޤީޤަތެއް ކަމަށާއި، މުޅި މައްސަލަ ހައްލުކުރުމަށް ކެބިނެޓަށް ކަރުދާހެއް ހުށަހަޅުއްވާފައިވާނެ ކަމަށެވެ.

"މުޅި މާލޭގެ ދުއްވާ އެއްޗެހީގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި، ކެބިނެޓް ލެވެލްގައި މަޝްވަރާ ކުރުމަށް ކަރުދާހެއް ވާނީ ހުށަހަޅާފައި. އެ ކަރުދާހުގައި ވަރަށް ތަފްސީލުކޮށް ޓްރެފިކްގެ މައްސަލައާއި އެކަމުގެ ހައްލު ހުށަހެޅިފައިވާނެ." ނަހުލާ ވިދާޅުވިއެވެ.

މިއަހަރުގެ މިހާތަނަށް އައިއިރު ޕާކިންގ ޒޯނުތަކެއް ޤާއިމުކުރެވިފައިވާ ކަމަށާއި، ކުރިއަށް އޮތްތަނުގައި އިތުރު ޕާކިންގ ޖާގަތަކެއް ޤާއިމުކުރައްވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"މާލޭގައި މިހާތަނަށް ޕާކިންގ ޒޯންތަކެއްގެ ގޮތުގައި ތައްޔާރުކުރެވިފައިވާ ތަންތަނަކީ މަޖީދިއްޔާ ސްކޫލް ކުރިމަތި، ފިނޭންސް މިނިސްޓްރީ ކައިރީ އޮތް ޕާކިންގ ޒޯން، ވެލާނާގެ ކައިރީ އޮތް ޕާކިންގ ޒޯން، އެމްއެމްއޭ އަދި މާފަންނު ސަހަރާ ކައިރީ އޮތް ޕާކިނގ ޒޯން. މިއަހަރުގެ ނިޔަލަށް މާލޭގެ އެކި ސަރަހައްދުތަކުގައި މޮޓޯސައިކަލަށް 1000 އާއި 1500 އާއި ދެމެދުގެ އަދަދެއް ހަމަޖެއްސުމަށް ނިންމާފައިވާއިރު، 4 ފޮރޮޅުލީ އުޅަނދުތަކަށް 100 އަށްވުރެ ގިނަ ޕާކިންގ ސްލޮޓް ހަމަޖެހިގެންދާނެ." ނަހުލާ ވިދާޅުވިއެވެ.

އެއްގަމު ދަތުރުފަތުރުގެ ޤާނޫނަކީވެސް ތަންފީޒުކުރަންޖެހޭ ޤާނޫނެއް ކަމަށާއި، ފުލުހުން ސްޓިކަރ ޖަހަނީ ގިނަ ބަޔަކަށް ދަތިތާގޮތަށް ޕާކްކުރާ އުޅަނދުތަކުގައި ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވަނީ މިއަދު ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް