ނަފްސާނީ ބައްޔަށް ފަރުވާ ކުރާ މީހުންނާއި، އަޅާލާނެ ފަރާތެއް ނެތް މީހުންނަށް އަންނަ އަހަރުން ފެށިގެން މާލީ އެހީ ދިނުމަށް އެންސްޕާއިން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާގެ ސީއީއޯ އިސްމާއިލް އައްޒާމް ވަޖީހް ވިދާޅުވީ އިޖުތިމާއީ ގާނޫނުގެ ދަށުން އަންނަ އަހަރު މާލީ އެހީތެރިކަން ދިނުމަށް ލާޒިމް ކުރާ ދެ ޕްރޮގްރާމެއް ތައާރަފްކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ނަފްސާނީ ބަލި މީހުންނަށާއި އަޅާލާނެ ފަރާތެއް ނެތް މީހުންނަށް މާލީ އެހީ 2020 އަހަރުން ފެށިގެން ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އެކަމަށްޓަކައި ހަދަންޖެހޭ ގަވާއިދުތައް އެކުލަވާލާފައިވާ ކަމަށާއި، އަދި އެ އެގަވާއިދުތަކާއި ގުޅޭ ގޮތުން ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާ ކުރަމުންދާ ކަމަށް ވެސް އައްޒާމް ވިދާޅުވިއެވެ. ނަފްސާނީ ބަލި މީހުންނަށް ބޭނުންވާ ފަރުވާ ރާއްޖެއިން ހޯދައިދިނުމަކީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ.
ނަފްސާނީ ބަލި މީހުންނާއި ބޭސް ފަރުވާ އަށް ރާއްޖެއިން ބޭރަށްދާ ފަރާތްތަކަށް ހިނގާ ހުރިހާ ޚަރަދެއް އަންނަ އަހަރުން ފެށިގެން ސަރުކާރުން ހަމަޖައްސަން ނިންމާފައިވާ ކަމުގައި އައްޒާމް ވަނީ ވިދާޅުވެފައެވެ.
ނަފްސާނީ ބަލިތަކަށް ފަރުވާދޭ މަރުކަޒެއް އައިޖީއެމްއެޗްގައި މިއަހަރުގެ މާރިޗު މަހު ވަނީ ހުޅުވާފައެވެ.
އިޖްތިމާއީ ގާނޫނުގެ ދަށުން 11 ދާއިރާއަކުން މާލީ އެހީ ދިނުމަށް ލާޒިމްކޮށްފައިވީ ނަމަވެސް މިހާރު އެހީ ދެމުން ދަނީ މަދު ދާއިރާތަކަކުންނެވެ.
އެންސްޕާއިން މިހާރު މާލީ އެހީ ދެނީ އެކަނި ދަރިން ބަލަހައްޓާ ފަގީރު މައިން ނުވަތަ ބަފައިންނަށާއި، ފަގީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަން ނެތި އެހެން މީހުން ބަލަހައްޓާ ކުދިންނާއި އެކުދިން ބަލަހައްޓާ މީހުންނަށާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި، ބޭސްފަރުވާ އަށް އަދި ކާބޯތަކެތި ގަންނަން ފަގީރުންނަށްދޭ ސަބްސިޑީ އަށެވެ.
އިޖްތިމާއީ ގާނޫނަކީ ފަގީރުންނަށާއި ދަތި ހާލުގައި އުޅޭ މީހުންނަށް އިޖުތިމާއި ރައްކާތެރިކަން ފޯރުކޮށްދީ މުއްސަދިންނާއި ފަގީރުންގެ މެދުގައިވާ ފަރަގު ކުޑަކޮށް ހުރިހާ ވަސީލަތްތައް ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ފޯރުކޮށްދިނުމަށް އެކުލަވާލައިފައިވާ ގާނޫނެކެވެ.