މަޖިލީހުގެ ޖަލްސާއެއްގައި މެންބަރުން - ފޮޓޯ: މަޖިލިސް

ރިޔާސީ އިންތިޚާބުގެ ޤާނޫނު ހިމެނޭހެން ތިން ޤާނޫނަކަށް ސަރުކާރުން އިޞްލާޙު ހުށަހަޅައިފި

ރިޔާސީ އިންތިޚާބުގެ ޤާނޫނު ހިމެނޭހެން ތިން ޤާނޫނަކަށް އިޞްލާޙު ގެނައުމަށް 3 ބިލެއް މަޖްލީހަށް ހުށަހެޅުމަށް ސަރުކާރުން ފޮނުއްވައިފިއެވެ.

އިސްލާޙު ގެނައުމަށް ސަރުކާރުން ހުށައަޅަން ނިންމަވާފައިވާ 3 ޤާނޫނަކީ ރިޔާސީ އިންތިޚާބުގެ ޤާނޫނާއި، ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނާއި ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށްދޭންޖެހޭ ރައްކާތެރިކަމާ އިނާޔަތާބެހޭ ޤާނޫނަށެވެ.

ރައީސް އޮފީހުން ވިދާޅުވީ، މި 3 ޤާނޫނަށް އިސްލާޙު ގެނައުމަށް ސަރުކާރުން ފޮނުއްވާފައިވާއިރު، ވަކި މީހަކަށް ނުވަތަ ބަޔަކަށް ގެއްލުމެއް ދިނުމަށް ނުވަތަ މަންފާއެއް ހޯދައިދިނުމަށް ބަދަލުކޮށް ނުވަތަ ފާސްކޮށްފައިވާ ޤާނޫނުތަކާއި ޤަވާޢިދުތައް މުރާޖަޢާކުރުމަކީ މިސަރުކާރުގެ ވަޢުދެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތާބެހޭ ޤާނޫނަށް ހުށައަޅާފައިވާ އިޞްލާޙަކީ، އެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު، އެ މަޤާމުގައި ހުރިއިރު، ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާނަމަ، އޭނާއާ އޭނާގެ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ޤާނޫނުގެ ދަށުން ލިބިދޭ ރައްކާތެރިކަމާއި ޢިނާޔަތް ނުލިބޭގޮތަށް އޮތް އޮތުން އިސްލާޙުކުރުމަށް ހުށަހަޅާ އިޞްލާޙެކެވެ.

ސަރުކާރުން ހުށައަޅާފައިވާގޮތަށް އިސްލާޙު ވެގެން ދިއުމުން، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހާއާއި، އޭނާގެ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ޤާނޫނުގެ ދަށުން ލިބިދޭ ރައްކާތެރިކަމާއި ޢިނާޔަތް ނުލިބޭ ގޮތަށް ހަމަޖެހޭނީ، އެ ޤާނޫނު ވުޖޫދަށް އައުމަށްފަހު ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު، އެ މަޤާމުގައި ހުރިއިރު، ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވުމުންނެވެ.

"ރިޔާސީ އިންތިޚާބުގެ ޤާނޫނަށް އިޞްލާޙުގެނައުމަށް ހުށަހަޅާފައިވަނީ ރިޔާސީ އިންތިޚާބަށް ކުރިމަތިލާ މީހަކު އެއްވެސް އިރެއްގައި ބޭރު ޤައުމެއްގެ ރައްޔިތަކު ކަމުގައި ވެފައިވާނަމަ، ނުވަތަ ބޭރު ޤައުމެއްގެ ޙިމާޔަތް ނުވަތަ ރައްކާތެރިކަން ހޯދާފައިވާނަމަ އެފަދަ މީހަކަށް ރިޔާސީ އިންތިޚާބަށް ކުރިމަތިލެވޭނީ އެމީހަކު ބޭރު ރައްޔިތުކަން ނުވަތަ ބޭރު ޤައުމެއްގެ ޙިމާޔަތް ނުވަތަ ރައްކާތެރިކަން ދޫކޮށްލިތާ މަދުވެގެން 10 (ދިހައެއް) އަހަރު ފަހުން ކަމަށް އޮތް ބައި އުނިކޮށް އެ ޤާނޫނު އިސްލާޙުކުރުމަށް." ރައީސް އޮފީހުން ވިދާޅުވިއެވެ.

މުހިންމު ތިން ޤާނޫނަކަށް ސަރުކާރުން އިސްލާހް ހުށަހެޅިއިރު، ދެމެހެއްޓެނިވި ގޮތުގައި ދަނޑުވެރިކަމުގެ އުފެއްދުންތައް ދިވެހިރާއްޖޭގައި ކުރިއެރުވުމަށްޓަކައި، ޕެސްޓިސައިޑްސް ބިލުވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ސަރުކާރުން ވަނީ ފޮނުވާފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް