ރައީސް ނަޝީދު - ފޮޓޯ: މަޖިލިސް

މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭގޮތަށް މުސްތަޤިއްލު ކޮމިޝަންތަކާއި މަޤާމްތަކުގެ ޤާނޫނުތަކަށް އިޞްލާހު ކުރަނީ

މުސްތަޤިއްލު ބައެއް ކޮމިޝަންތަކާއި މުސްތަޤިއްލު ބައެއް މަޤާމްތަކާއި ބައެއް މަޤާމުތަކާ ގުޅުންހުރި ޤާނޫނުތަކަށް އިޞްލާޙު ގެނައުމުގެ ބިލުތައް މަޖިލީހަށް ހުށަހެޅުއްވުމަށްޓަކައި ސަރުކާރުން ފޮނުއްވައިފިއެވެ.

އިޞްލާޙު ހުށަހަޅުއްވަން ސަރުކާރުން ނިންމަވާފައިވަނީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނާ, އޮޑިޓް ޤާނޫނާއި, ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި, އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު އަދި ހިއުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނަށެވެ.

ރައީސް އޮފީހުން ވިދާޅުވީ، ސަރުކާރުން މި ބިލުތަކަށް އިޞްލާހު ހުށަހަޅުއްވަނީ ޤާނޫނުއަސާސީގެ ދަށުން ޤާއިމްކޮށްފައިވާ މުސްތަޤިއްލު ކޮމިޝަންތަކާއި މުސްތަޤިއްލު މަޤާމްތައް އަދާކުރައްވާ ފަރާތްތަކާ ޤާނޫނުއަސާސީންނާއި ޤާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރަނީ ތަޢައްޞުބުން އެއްކިބާވެ، މިނިވަންކަމާ އެކުގައިކަން ކަށަވަރުކުރުމަށްޓަކައި ކަމަށެވެ.

"މިޤާނޫނުތަކަށް ހުށަހަޅުއްވާ އިޞްލާޙުތަކުގެ ތެރޭގައި ޤާނޫނުއަސާސީންނާއި ޤާނޫނުން މިފަދަ މުސްތަޤިއްލު ކޮމިޝަންތަކާއި މުސްތަޤިއްލު މަޤާމްތައް އަދާކުރައްވާ ފަރާތްތަކަށް، މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް، ތަޢައްޞުބުން އެއްކިބާވެ، މިނިވަންކަމާ އެކުގައި އަދާކުރުމަށް ލާޒިމްކުރުމާއި، ކޮމިޝަންތަކުގެ މުވައްޒަފުންވެސް މިފަދަ އުސޫލުތައް ހިފެހެއްޓުމަށް ބާރުއަޅާ އިޞްލާހުތައް ހިމެނެ." ރައީސް އޮފީހުން ވިދާޅުވިއެވެ.

މުސްތަޤިއްލު މަޤާމްތައް އަދާކުރައްވާ ފަރާތްތަކަކީ، ކޮރަޕްޝަންގެ ނުފޫޒުން އެއްކިބާވެ މަސައްކަތްކުރާ ފަރާތްތަކެއްކަން ކަށަވަރުކުރުމަށްޓަކައި މި ފަރާތްތަކާއި މި ފަރާތްތަކުގެ ޢާއިލާގެ މެންބަރުންގެ މާލީ ބަޔާން ހާމަކުރުން ލާޒިމުކުރުމާއި، އެފަރާތްތަކަކީ އެއްވެސް ފަރާތަކަށް ނުޙައްޤު މަންފާއެއް ހޯދައިދިނުމުގެ ނިޔަތުގައި ނުވަތަ ވަކި ފަރާތަކަށް ގެއްލުމެއް ދިނުމުގެ ނިޔަތުގައި ޢަމަލުކުރާ ބަޔަކަށް ނުވާނެކަން ކަށަވަރުވާނެ ގޮތަށް ޤާނޫނު އިސްލާޙުކުރުންވެސް މީގެތެރޭގައި ހިމެނޭކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

"މިނިވަން ކޮމިޝަންތަކުގައި ތިއްބަވާ ފަރާތްތަކަކީ އަމިއްލަ ވިޔަފާރި ކޮށް ނުވަތަ މަސްލަޙަތު ފުށުއަރާފަދަ އެހެނިހެން މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަކަށް ވެގެން ނުވާނެ ކަމަށް ޤާނޫނުގައި ބަޔާންކުރުމާއި މުސްތަޤިއްލު މަޤާމްތައް އަދާކުރައްވާ ފަރާތްތަކާއި، މުސްތަޤިއްލު ކޮމިޝަންތަކުގެ މުވައްޒަފުންގެ ސުލޫކީ މިންގަނޑުތަކެއް ޤާނޫނުގައި ކަނޑައަޅައި، އެ މިންގަނޑުތައް ހިފެހެއްޓުމަށް ލާޒިމުކުރުމާއި، އެ މިންގަނޑުތަކާއި ޚިލާފު ވުމުން އެޅޭނެ ފިޔަވަޅުތައް ސާފުކޮށް ބަޔާންކުރުންވެސް މި ޤާނޫނުތަކަށް ހުށަހަޅާ އިޞްލާހުތަކުގެ ތެރޭގައި ހިމެނޭ." ރައީސް އޮފީހުން ވިދާޅުވިއެވެ.

ކޮމިޝަންތަކުގެ މެންބަރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެމަތިން، އެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވެ، ޖަވާބުދާރީވެ، އެމީހުންގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ޒިންމާ އުފުލަންޖެހުމާއި އަދި ކޮމިޝަން ހިނގަމުންދާ ގޮތާ ގުޅޭގޮތުން، ނުވަތަ ކޮމިޝަނުން ކުރަމުންދާ ކަމަކާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުން ހޯދައި ބަލަންޖެހޭ ކޮންމެ ކަމެއްގައި، އީޖާބީ ގޮތެއްގައި އެއްބާރުލުން ދޭންވާނެކަމަށް ބަޔާންކުރުންވެސް މި އިޞްލާޙުތަކުގެ ތެރޭގައި ހިމެނޭކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް