ފުލުހުންގެ ހުއްދަ ނެގުމަކައި ނުލައި، މާލޭގެ ހުރިހާތަނެއްގައި ވެސް މުޒާހަރާ ކުރެވޭ ގޮތައް ޤާނޫނު އިސްލާހުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި އިސްލާހަކީ ނިމިދިޔަ ސަރުކާރުގައި މުޒާހަރާ ކުރުން ހަނިކުރަން އެއްވެއުޅުމާ ބެހޭ ގާނޫނަށް ގެނެސްފައިވާ އިސްލާހު އުވާލައި ކުރިން އޮތް ގޮތަށް އެ ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުން ފަރާތުން މަޖިލީހަށް ހުށަހެޅި އިސްލާހެކެވެ.
ރައީސް އޮފީހުން ވިދާޅުވީ ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނަށް އިޞްލާޙު ހުށަހެޅީ، އެއްވެއުޅުމުގެ މިނިވަންކަން ހަނިކޮށް، އެއްވެއުޅެވޭނެ ސަރަޙައްދުތަކެއް ކަނޑައެޅުމަށް ވަރަށް ފުޅާ ދާއިރާއެއްގެ އިޚްތިޔާރުތަކެއް ސަރުކާރަށް ލިބިދިނުމަށާއި، ކުރިން އިދިކޮޅު ފަރާތްތަކުގެ ސިޔާސީ ޙަރަކާތްތައް ހުއްޓުވުމުގެ ގޮތުން ފުލުހުން ލިޔުމުން ދޭ ހުއްދައަކާއެކު ފިޔަވައި، މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅައި ޢާންމުކޮށް އިޢުލާންކޮށްފައިވާ ތަންތަނުގައި އެކަނިކަމަށް ކަނޑައަޅާފައިވާބައި އުނިކޮށް، ސުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު އިސްލާޙުކުރުމަށް ކަމަށެވެ.
ސަރުކާރުން ހުށަހެޅި މި އިސްލާހުތައް ފާސްވެއްޖެ ނަމަ، ކުރިން ހުއްދަ ހޯދުމެއް ނެތި މުޒާހަރާ ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށާއި، މުޒަހަރާ ކުރެވޭނީ ހޯމް މިނިސްޓްރީއިން ކަނޑައަޅާ ތަންތަނުގައި ކަމަށް އޮތް އޮތުން ނިމުމަކަށް އަންނާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ރައީސް އޮފީހުން އިތުރަށް ވިދާޅުވީ، ޤާނޫނަށް އިސްލާޙު ގެނައުމަށް ސަރުކާރުން ފޮނުއްވާފައިވަނީ، ވަކި މީހަކަށް ނުވަތަ ބަޔަކަށް ގެއްލުމެއް ދިނުމަށް ނުވަތަ މަންފާއެއް ހޯދައިދިނުމަށް ބަދަލުކޮށް ނުވަތަ ފާސްކޮށްފައިވާ ޤާނޫނުތަކާއި ޤަވާޢިދުތައް މުރާޖަޢާކުރުމަކީ މިސަރުކާރުގެ ވަޢުދަކަށް ވާތީ ކަމަށެވެ.