މާލޭ ޖަލު - ފޮޓޯ: ސަން

ނުކުޅެދޭ މީހާ ޖަލަށްލީ މައްސަލަ އެޗްއާރުސީއެމް އިން ބަލަނީ

ހުކުމް ތަންފީޒު ކުރަމުންދާ ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ އަދި ރަނގަޅަށް ވާހަކަ ނުދެއްކޭ މީހާ ޖަލަށްލީ މައްސަލަ ބަލަމުން އަންނަ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ.

މި މީހާ ޖަލަށް ލާފައި ވަނީ މަސްތުވާތަކެތި ބޭނުންކުރާ ބަޔަކާއެކު ހުރި މައްސަލައަކާ ގުޅިގެން، މީގެ އެގާރަ މަސް ކުރިންނެވެ. ދެ އަހަރެއްހާ ދުވަސް ކުރިން ހިނގި އެހާދިސާގައި އެ މީހާ ޖަލަށްލާފައިވަނީ ތިން އަހަރު ދުވަހުގެ މުއްދަތަށެވެ.

އެ މައްސަލަ އަމިއްލައަށް އިސްވެގެން ބަލަމުންދާކަމަށް އެޗްއާރުސީއެމުން ވަނީ ބުނެފައިވާއިރު، އެޗްއާރްސީއެމް އަށް އެފަދަ މައްސަލައެއް ކުރިން ހުށައެޅިފައި ނުވާކަމަށް އެފަރާތުން ވަނީ ބުނެފައެވެ. 

ނުކުޅެދުންތެރިކަމެއް ހުރި އެމީހާގެ ތަހުގީގު ކުރިއަށް ދިޔަ ގޮތާއި ޝަރީއަތް ހިންގުނު ގޮތަކާ މެދު އޭނާގެ އާއިލާއިން ވަނީ ސުވާލު އުފައްދާފައެވެ. އާއިލާއިން ބުނެފައިވަނީ އެއީ ކުޑައިރުއްސުރެ ނަފްސާނީ މައްސަލަ ހުންނަ ކުއްޖެއް ކަމަށާއި، ސްކޫލްތެރޭގައިވެސް ބްލީގެ ޝިކާރައަކަށް ވެފައިވާ ކުއްޖެއްކަމަށެވެ.

ޖަލުގައި އޭނާއަށް އަނިޔާ ކުރާ ކަމަށްވެސް އާއިލާއިން ވަނީ ބުނެފައެވެ. އެގޮތުން ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި ވެސް ގޮޅީގެ ތެރޭގައި ބަޔަކު އަނިޔާ ކުރުމުން އޭނާގެ ނިތްކުރި މަތި ދުޅަވެފައިވާ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ. 

އާއިލާގެ މި ތުހުމަތުތައް ކަރެކްޝަނުން ވަނީ ދޮގުކޮށްފައެވެ. ކަރެކްޝަންގެ މީޑިއާ އޮފިޝަލް ސީއެންއެމް އަށް ވިދާޅުވެފައިވަނީ އެއީ ނުކުޅެދޭ މީހެއް ނޫން ކަމަށާއި އޭނާއަށް އަނިޔާވެސް ކޮށްފައި ނުވާ ކަމަށެވެ. އަދި އެއީ ޚާއްސަ އެހީއަށް ބޭނުންވާ މީހެއް ނޫން ކަމަށާއި އެ ގައިދީއަކީ ވާހަކަ ދެއްކޭ މީހެއްތޯ އާއި ނަފްސާނީ ބައްޔެއް ހުންނަ މީހެއްތޯ ސުވާލު ކުރުމުން އޮފިޝަލް ވިދާޅުވީ އެކަހަލަ މައުލޫމާތު ހާމަ ނުކުރެވޭނެ ކަމަށެވެ.

އޭގެ އިތުރުން އެ ގައިދީއަށް ރައްކާތެރިކަން ދޭން ޖެހޭ ހާލަތެއް އަތުވެއްޖެ ނަމަ ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ކަރެކްޝަނުގެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާގެ މަންމައަކީ ވެސް ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމުން އެމީހާ މިހާރު ހުރީ ގުރައިދޫ މަރުކަޒުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ