ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު - ފޮޓޯ: މިނިސްޓަރީ

އަފްޣާނިސްތާނުގައި ދިން ޓެރަރިސްޓް ޙަމަލާއެއްގައި ގިނަ ބަޔަކު މަރުވުމާއި ގުޅިގެން ފޮރިން މިނިސްޓަރ ޝާހިދު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި

އަފްޣާނިސްތާނުގެ ކާބުލްގައި ކުރިއަށްދިޔަ ކައިވެނީގެ ޙަފްލާއަކަށް އަމާޒުކޮށް ދިން ޓެރަރިސްޓް ޙަމަލާގައި ގިނަ ބަޔަކު މަރުވުމާއި ގުޅިގެން އެޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ސަލާހުއްދީން ރައްބާނީއަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. 

މިނިސްޓަރ ޝާހިދުގެ މެސެޖްގައި ވިދާޅުވީ ކާބުލްގައި ކުރިއަށްދިޔަ ކައިވެނި ހަފްލާއަކަށް އަމާޒުކޮށްގެން ދިން ޓެރަރިސްޓް ހަމަލާގައި 63 މީހަކު މަރުވެ، 180 އަށްވުރެ ގިނަ މީހުން ޒަޚަމްވި ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި ފުން ހިތާމަޔާއިއެކުގައި ކަމަށެވެ.

މީގެ އިތުރުން، ދިވެހިރާއްޖެއިން އަބަދުވެސް ޓެރަރިޒަމްގެ ފިނޑި އަމަލުތަކާއި، ކުށެއް ނެތް މީހުންނާއި ދެކޮޅަށް ދެވޭ ހުރިހާ ބާވަތެއްގެ ޙަމަލާތައް ކުށްވެރިކުރާކަމަށް މިނިސްޓަރގެ މެސެޖްގައި ވިދާޅުވިއެވެ. އަދި ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތްކޮށް، ޓެރަރިޒަމްގެ ވަބާއިން ސަލާމަތްވުމަށް ބައިނަލްއަޤްވާމީ މުޖްތަމައާއި ގުޅިގެން ދިވެހިރާއްޖެއިން މަސައްކަތްކުރަމުންދާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. 

އަފްޣާނިސްތާނަށް ދިމާވެފައިވާ މިހިތާމަވެރި ދަނޑިވަޅުގައި އަފްޣާނިސްތާނުގެ ރައްޔިތުންނާއިއެކު ދިވެހި ރައްޔިތުން ވާކަން ހާމަކުރައްވައި، މަރުވި ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ރައްދުކޮށްދެއްވުމަށް މިނިސްޓަރ ޝާހިދު އެދިވަޑައިގަތެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް