މިނިމަމް ވޭޖް ކަނޑައެޅުމަށްދަނީ މަސައްކަތް ކުރަމުން - އިކޮނިމިކް މިނިސްޓްރީ

ދިވެހިރާއްޖޭގެ އެންމެ ކުޑަމިނުން ދެވޭނެ މުސާރަޔާ އަދި އުޖޫރަ ކަނޑައެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީ އޮފް އިކޮނިމިކް ޑިވެލޮޕްމަންޓް އިން ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2/2008) ގެ 59 ވަނަ މާއްދާގެ (ހ)ގެ ދަށުން، ރައީސް ސޯލިހް ވަނީ "މުސާރައާއި އުޖޫރަ އާ ގުޅޭގޮތުން ލަފާދޭ ބޯޑް" 1 މޭ 2019 ވަނަ ދުވަހު އެކުލަވާލައިފައި ކަމަށާއި، މިބޯޑަކީ ދިވެހިރާއްޖޭގައި ވިޔަފާރި ކުރާ ތަންތަނުގައާއި އަދި އެނޫންވެސް މަސައްކަތް ކުރާ ތަންތަނުގައި މުސާރައާއި އުޖޫރައިގެ ގޮތުން އެންމެ ކުޑަމިނުން ދެވޭނެ އަދަދެއް ކަނޑައެޅުމަށް މި މިނިސްޓްރީއަށް ލަފާއެރުވުމަށް އެކުލަވާލައިފައިވާ ބޯޑެއްކަމަށެވެ.

މިކަމަކީ ރާއްޖޭގައި އަދި އަލައް ތައާރަފު ކުރެވޭ ކަމަކަށްވުމާއިއެކު، އެންމެ ކުޑަމިނުން ދެވޭނެ މުސާރަ އަދި އުޖޫރައެއް ކަނޑަ އެޅުމަށްޓަކައި ބޭނުންވާނެ ފުރިހަމަ މައުލޫމާތު އެއްކޮށް، ދިރާސާތަކެއް ހެދުމަކީ މުހިންމު ކަމެއް ކަމަށް މި ބޯޑުން ދެކޭ ހިނދު، މި މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ރޯޑު މެޕެއް އެކުލަވާލައި، އެއާ އެއްގޮތަށް ބޯޑުގެ މަސައްކަތްތައް ކުރަމުންދާ ކަމަށްވެސް އެބާޔާނުގައި ބުނެފައިވެއެވެ.

މި ބަޔާނުގައި އިތުރައް ބުނެފައިވަނީ، މި މަސައްކަތް ކުރިއަށްދާއިރު، އިންޓަރނޭޝަނަލް ލޭބަރ އޮގަނަ-އިޒޭޝަން (އައި.އެލް.އޯ)ގެ އެހީއާއި ލަފާ މިބޯޑަށް ދަނީ ލިބެމުން ކަމަށާއި، އެގޮތުން ފާއިތުވި ޖުލައި މަހު 10-8 އަށް އައި.އެލް.އޯގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތްކޮށް 3 ދުވަހުގެ މަސައްކަތު ބައްދަލުވުން ތަކެއް ކުރިއަށް ގެންދެވުނުމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ. މި މަސައްކަތު ބައްދަލުވުންތަކުގައި ސަރުކާރުގެ މުއައްސަސާތަކުންނާއި، ވަޒީފާ އަދާކުރާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތް ތަމްސީލުކުރާ މަންދޫބުން ބައިވެރިވިއެވެ.

އިކޮނިމިކް މިނިސްޓްރީން އިތުރަށް ވިދާޅުވީ، މިނިމަމް ވޭޖް ކަނޑައެޅުމުގެ މަސައްކަތުގައި، އައި އެލް އޯގެ އެހީތެރިކަން އިތުރަށް ހޯދުމުގެ ގޮތުން އެ ޖަމްއިއްޔާގެ ފަރާތުން ލީޑް ކޮންސަލްޓެންޓެއްގެ ލަފާ ބޯޑަށް ލިބޭނެ ގޮތަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

"މި ބައްދަލުވުމުގައި އެކިއެކި މުއައްސަސާތަކުގައި ލިބެންހުރި މައުލޫމާތުތައް ދެނެގަނެ، އިތުރަށް ބޭނުންވާނެ މައުލޫމާތުތައް ކަނޑައެޅުނެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި މިނިމަމް ވޭޖް ކަނޑައަޅާފައިވާ ގޮތާ ބެހޭގޮތުން ބައިވެރިންނަށް މައުލޫމާތު ދެވި، ރާއްޖޭގައި މިނިމަމް ވޭޖެއް ކަނޑައަޅާއިރު ބަލަންޖެހޭ ކަންތައްތަކާ ބެހޭގޮތުން ވެސް ބައިވެރިންނާއެކު މަޝްވަރާކުރެވިފައި ވެ އެވެ،" ބަޔާނުގައި ބުންޏެވެ.

ރާއްޖޭގެ ހާލަތާ ގުޅޭގޮތުން ފަންނީ ލަފާދިނުމާއި މިނިމަމް ވޭޖް ކަނޑައެޅުމުގެ ދިރާސާތަކުގައި އެހީތެރިވެ ދިނުމަށް އެކި ސިނާއަތްތައް ތަމްސީލުކުރާ ޓެކްނިކަލް ކޮމެޓީއެއް މިހާރު ވަނީ އެކުލަވާލައިފަ އެވެ. އެ ބޯޑުން ކުރަމުން އަންނަ ކަމަކީ، ސަރުކާރުގެ މުއައްސަސާތަކާއި އެހެން ފަރާތްތަކުން ލިބެންހުރި މައުލޫމާތުތައް އެއްކުރުމެވެ.

މިހާރު ލިބިފައި ހުރި މައުލޫމާތުތަކުގެ އިތުރުން، ބޭނުންވާ މައުލޫމާތުތައް ހޯދުމަށްޓަކައި އެންޓަޕްރައިޒް ސާވޭއެއް ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށް ބަޔާނުގައި ބުންޏެވެ.

މިނިމަމް ވޭޖް ކަނޑައެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް