ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑރ.އަޒްމިރަލްޑާ ޒާހިރުއާއި އައިޝާ ޝުޖޫން މުޙައްމަދު އައްޔަންކުރުމާ މެދު ޖޭއެސްސީގެ ލަފަޔަކަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އެދިވަޑައިގެންފައި ވާތީ އެކަމާ ދެކޮޅަށް މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ. މިކުއްލި މައްސަލަ މަޖިލީހަށް ބަލައިގެންފައި ވަނީ 52 މެމްބަރުންގެ ވޯޓުންނެވެ.
މައްސަލަ ހުށަހަޅުއްވަމުން މެންބަރު މޮސްޓާ ވިދާޅުވީ، އިސްލާމްދީނަކީ ރާއްޖޭގެ ގާނޫނު އަސާސީގެ މައިގަނޑު މަސްދަރު ކަމާއި، އެއާ ހިލާފު އެއްވެސް ގާނޫނެއް ނުހެދޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ. ކަން މިހެން އޮތްހިނދު އަންހެން ފަނޑިޔާރުން އައްޔަން ކުރުމަކީ ހަރާމް ކަމެއް ކަމަށާއި އަދި އަންހެނުންނާ ފަނޑިޔާރުކަން ހަވާލުކުރި މީހާ އާއި ހަވާލު ކުރެވޭ މީހާވެސް ފާފަވެރި ވާނެ ކަމަށް ރާއްޖޭގެ ފަތުވާ މަޖިލީހުން ވިދާޅުވެފައިވާ ކަމަށެވެ.
މެންބަރު މޮސްޓާ ވިދާޅުވީ، އަންހެން ފަނޑިޔާރުން އައްޔަންކުރުމަކީ، ހުއްދަ ކަމެއް ނޫންކަމަށް ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން ވެސް ބުނަމުން އަންނަ ދަނޑިވަޅެއްގައި ސުޕްރީމު ކޯޓަށް އަންހެން ދެ ފަނޑިޔާރުން އައްޔަން ކުރަން ރައީސް ލަފަޔަކަށް އެދިވަޑައިގަތުމަކީ އިސްލާމް ދީނުގެ އަސްލުތަކާ އަދި ޝަރީއަތާ ހިލާފުކަމެއް ކަމެއް ކަމަށެވެ.
މި މައްސަލައިގެ ބަހުސް މަޖިލީހުގައި މިވަގުތު ދަނީ ކުރިއަށެވެ.




