ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި މިހާތަނަށް ކުރެވުނީ ރަނގަޅު އެންމެ ކަމެއް ކަމަށާއި އެއީ އަންހެނުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރުން ކަމަށް ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު، ޑީއާރުޕީޣެ ލީޑަރ ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު މިހެން ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑރ.އަޒްމިރަލްޑާ ޒާހިރު އާއި އައިޝާ ޝުޖޫން މުހައްމަދު އައްޔަންކުރުމާ މެދު ޖޭއެސްސީގެ ލަފަޔަކަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އެދިވަޑައިގެންފައި ވާތީ އެކަމާ ދެކޮޅަށް މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޖާބިރު ވަނީ މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، އަންހެނުން ފަނޑިޔާރުކަމަށް ގެންނަން ތާޢީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި އަންހެން ބޭފުޅުން ފަނޑިޔާރުކަމަށް އައްޔަން ކުރުމާއި ބެހޭ ގޮތުން ފަތުވާދޭ ފަރާތްތަކުން ދައްކަނީ "މާހަމަޖެހޭ ވާހަކައެއް ނޫން" ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
"މިރާއްޖޭގެ ރައީސް ކަމަށް އައި ފަހުން ކުރި އެންމެ ހެޔޮކަމެއް އޮތީވެސް. އެއީ އިސްލާމްދީނުގައި ވަކި ތަފާތުކުރުމެއް ނޯންނަގޮތައް އޮންނަ އުސޫލުގެ މަތިން ދުނިޔެ ހިނގާ ގޮތައް، ތަހުޒީބު ގައުމުތަކުގައި އޮޕަރޭޓް ކުރާގޮތައް ދިވެހިރާއްޖޭގެ ފަނޑިޔާރުގޭގެ ބެންޗަށް އަންހެން ބޭފުޅުން ލާން ނިންމި ނިންމުމުން. އަޅުގަނޑު ތާއިދު ކުރަން އެނިންމުމަށް." ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ، އިސްލާމީ ޝަރީޢަތުގެ ވާހަކަދައްކާނަމަ އަތްކަނޑާ ވާހަކަ ވެސް ދައްކަން އެބަޖެހޭ ކަމަށާއި، އޭރުން އަތްފައި ސަލާމަތުން ހުންނާނީ ވަރަށް މަދު ބަޔަކު ކަމަށެވެ.
މިހާރު ވެސް ވަޒީރުންގެ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގައި ވެސް އަންހެން ބޭފުޅުންގެ ދައުރު މާރަނގަޅުކަން ފާހަގަކުރައްވައި ޖާބިރު މިއަދު މަޖިލީހުގައި ވިދާޅުވީ، "ރައީސުލްޖުމްހޫރިއްޔާ ކަމަށްވެސް އަންހެން ބޭފުޅަކު އައުމުން މާރަނގަޅު ވާނެ" ކަމަށެވެ.




