2020 ވަނަ އަހަރުގެ އެޕްރީލް މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން އެކަން އިއުލާން ކޮށްފައިވަނީ މިއަދު ހެނދުނު އެކޮމިޝަނުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބު ބާއްވާނެ ސިދާ ތާރީހެއް އަދި ކަނޑައަޅާފައި ނުވި ނަމަވެސް އިންތިޚާބާއި ގުޅުންހުރި ތާރީޚްތައް ވަރަށް އަވަހަށ އިއުލާން ކުރައްވާނެ ކަމަށެވެ.
ޝަރީފް ވިދާޅުވީ، އަންނަ އެޕްރީލް ފުރަތަމަ ހަފްތާގައި ބޭއްވުމަށް ނިންމާފައިވާ ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި ހުޅުވާލައްވާނެ ކަމަށެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ޖުމްލަ 65-70 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ ކަމަށާއި، ވޯޓު ފޮށިތަކުގެ ޢަދަދު އިތުރުކޮށް ފޮށިތަކަށް ވޯޓުލާ އަދަދު މަދުކޮށްގެން ކިއުގައި ޖެހޭ ނިސްބަތް މަދުކުރައްވާނެ ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.



