206 ޤައިދީން މިނިވަންކޮށް، 76 ޤައިދީންނަށް ރައީސް ޢަދަބު ލުއިކޮށްދެއްވި - އިމްރާން

206 ޤައިދީން މިނިވަންކޮށް، 76 ޤައިދީއަކަށް ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙް ޢަދަބު ލުއިކޮށްދެއްވާފައިވާކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ، ޤައިދީންނަށް މަޢާފްދެއްވާފައިވީ ނަމަވެސް، މަޖިލިސް އިންތިޚާބާ ދިމާކޮށް އެއްވެސް ޤައިދީއަކަށް މަޢާފްދެއްވާފައި ނުވާ ކަމަށެވެ. އެގޮތުން 6 އެޕްރީލް 2019 ގެ ކުރިން އެއްވެސް ޤައިދީއަކު ޖަލުން މިނިވަންކޮށްފައި ނުވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހޯމް މިނިސްޓަރ ވިދާޅުވީ، ކުށަށް މަޢާފްކޮށް ޖަލުން މިނިވަންކޮށްފައިވަނީ 206 ޤައިދީން ކަމަށާއި، ޢަދަބު ލުއިކޮށްދެއްވާފައިވަނީ 76 ޤައިދީއަކަށް ކަމަށެވެ.

ޢަދަބު ލުއިކޮށްދީފައިވާ 76 ފަރާތަކީ މަޢާފްދިނުމާއި ޢަދަބު ލުއިކޮށްދިނުމުގެ ޤާނޫނުން ކުށަށް މަޢާފް ނުދެވޭ ފަރާތްތަކުގެ ގޮތުގައި ފާހަގަކޮށްފައިވާ ކުށްތަކުގައި ހުކުމްކޮށްފައިވާ ފަރާތްތަކެވެ.

"އޭގެ ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކޮށްފައިވާ ބައެއް މީހުންނާއި، ދީނުގެ ބައެއް ހައްދުތަކަށް އަރައިގަނެ، ރާބޮއެފައިވާ ބައެއް މީހުންނާއި، ވައްކަން ކޮށްފައިވާ ބައެއް މީހުން މީގެ ތެރޭގައި ހިމެނިގެންވޭ. އެހެންނަމަވެސް ކުރިންވެސް ފާހަގަކުރެއްވި ފަދައިން މީގެން އެއްވެސް މީހަކަށް ރައީސުލްޖުމްހޫރިއްޔާ މަޢާފްދެއްވާފައެއް ނުވޭ. ޤާނޫނުގައި ވާގޮތަށް އެކުށްތަކަށް ޢަދަބު ލުއިކޮށްދެއްވާފައިވާކަން އަޅުގަނޑު ފާހަގަކުރަން." ހޯމް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

އިމްރާން އިތުރަށް ވިދާޅުވީ، 18 ޑިސެމްބަރު 2018 އިން 20 ޖޫން 2019 ގެ ނިޔަލަށް ޖަލުން މިނިވަންވެފައިވަނީ ޖުމްލަ 206 ކުށްވެރިން ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ