ދިވެހިރާއްޖޭގައި "ލީގަލް މަރުޖުއާނާ" ހުއްދަކުރަން ނުވިސްނަނީ ކީތްވެގެންކަމާ މެދުގައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު، ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ އާއި ސުވާލުކޮށްފިއެވެ.
ޖާބިރު މި ނުވާލު ހޯމް މިނިސްޓަރާއި ކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހަށް ހޯމް މިނިސްޓަރ ހާޒިރުކުރެއްވުމުން މިއަދު ހެނދުނު ބޭއްވި ރައްޔިތުންގެ މަޖިލީހުގައި ސުވާލުކުރެއްވުމަށް ދެއްވި ފުރުޞަތެއްގައެވެ.
ޖާބިރު ވިދާޅުވީ، "ލީގަލް މަރުޖުއާނާ" އަކީ ބޭހެއް ކަމަށާއި، އެބާވަތް ރާއްޖޭގައި ހުއްދަކުރުމަށް ނުވިސްނަނީ ކީތްވެގެން ކަމާމެދުގައެވެ.
ޢަބްދުﷲ ޖާބިރު: ދެވަނަ ސުވަލަކީ ހައި ޑްރަގްސް ރާއްޖޭގައި އެލެފެންޓް ޑްރަގްސް ކަހަލަ އެއްޗެހި ރާއްޖޭގައި ބޭނުންކުރަނީ އިއްޒަތްތެރި ރައީސް. އިއްޒަތްތެރި ވަޒީރާ އަޅުގަނޑު ކުރަން ބޭނުންވާ (ސުވާލަކީ) ލީގަލް މަރުޖުއާނާ ރާއްޖެއިން ހުއްދަކުރުމަށް މަނިކުފާނު ކީތްވެގެންތޯ ނުވިސްނަނީ؟ އެއީ ދުނިޔޭގައި މިހާރު މެޑިކަލް، ބޭހެއްގެ ގޮތުގައި ބޭނުންކުރާ އެއްޗެއް. އެހެންވެގެން ރާއްޖޭގެ ރައްޔިތުންގެ ތެރެއިން އެތައް ބަޔަކު އިއްޒަތްތެރި ވަޒީރަށް ހަމަ ރަނގަޅަށް އެނގިވަޑައިގަންނަވާނެ ބުއްދިއެއް ހުރި މީހެއް ވިއްޔާ ޖަލުގައި ތިބީ. އެއީ ތިޔަ ވިދާޅުވާ ގްރާމްތަކަށްވުރެ ދަށުން އޮޕަރޭޓްކުރި މީހުން.
މި ސުވާލަށް ޖަވާބުދެއްވަމުން ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ، ދީނުގައި ހަރާމްކުރައްވާފައިވާ އެއްވެސް ކަމެއް ހުއްދަ ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ: ރާއްޖޭގައި މަސްތުވާތަކެތީގެ އެއްވެސް ބާވަތެއް ލީގަލް ކުރުމުގެ މައްސަލައަކީ އަޅުގަނޑު ހިތުން ރާއްޖޭގެ އެންމެން ވަކިން ޚާއްޞަކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިސްނަންޖެހޭނެ ކަމެއް. އާދެ ދީނުގައި ހަރާމްކުރައްވާފައިވާ އެއްވެސް ކަމެއް ހުއްދަ ކުރުމަކީ އަޅުގަނޑުމެނަށް ކުރެވޭނެ ކަމެއްނޫން. އެއީ އެކަމުގެ މައްޗަށް ރިއާޔަތްކޮށް ރާއްޖޭގައި ހުއްދަކުރެވޭނެ ކަންތައްތަކާއި، ހުއްދަކުރެވޭނެ ތަކެއްޗާއި، އެތަކެތީގެ އުޞޫލުތައް ކަނޑައެޅުމާއި، އެތަކެތީގެ މައްޗަށް ބިނާކޮށް ޤާނޫނު ހެދުމަކީ ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެއް، މަސްޢޫލިއްޔަތެއް.
ހޯމް މިނިސްޓަރ ދެއްވަމުން ގެންދެވި ޖަވާބާއި ހިތްހަމަ ޖެހިވަޑައިނުގަނެ ކާށިދޫ ދާއިރާގެ މެންބަރު ވަނީ މަޖިލީހުގައި އަޑުގަދަކުރައްވާފައެވެ. ރިޔާސަތުން ޖާބިރުގެ މައިކްގެ އަޑު ކަނޑާލާފައިވީނަމަވެސް ޖާބިރު ވިދާޅުވި ބައެއް ބަސްތައް ސާފުވެފައެވެ.
އެގޮތުން "ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ މަޖިލީހަށް ހާޒިރުކުރީ އިސްލާމީ ފަތުވާދެއްވަން ނޫން ކަމަށް" ޖާބިރު ވިދާޅުވާ އަޑު އިވެއެވެ.




