7 ފެބުރުއަރީގެ ވާހަކަ މިއަދު ދައްކާނަމަ، މަސްލަހަތު ގެއްލޭނެ - އިމްރާން

ރައްޔިތުންގެ މަޖިލީހުގެ އަދުގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވަން މެދުވެރިވި، 2012 ފެބުރުވަރީ 7 ގައި ހިނގި ހަމަނުޖެހުންތަކުގެ ވާހަކަ މިހާރު ދައްކަންވެއްޖެނަމަ ޤައުމުގެ މަސްލަހަތު ގެއްލިދާނެ ކަމަށް ހޯމް މިނިސްޓަރު ޝައިހް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ މިހެން ވިދާޅުވީ، 7 ފެބުރުއަރީގައި ހިނގި ކަންތައްތައް ފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން އަޅުއްވާ ފިޔަވަޅުތަކަކީ ކޮބައިކަމާމެދު، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަޖިލީހުގެ ތަޅުމުގައި ކުރި ސުވާލަކާ ގުޅިގެން، އިތުރު މެންބަރުން އަމާޒުކުރެެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ހޯމް މިނިސްޓަރ އިމްރާން ވިދާޅުވީ، މިއީ ގައުމު އެކުވެރިވާންވީ ވަގުތު ކަމަށާއި މިއީ ކުރީގެ ވާހަކަތައް ނަގައިގެން ދައްކަން ވީ ވަގުތެއް ނޫން ކަމަށެވެ. އަދި ފެބުރުއަރީ 7 ގައި ހިނގި ކަންތައްތަކުގެ ސޮފްހާ އަލުން ހުޅުވައިގެން އެ ވާހަކަތައް ދެއްކުމުގެ ބޭނުންފުޅު ނުވާ ކަމަށާއި، އެ ދުވަހު އެކި ކޮޅުކޮޅުގައި ތިބި ފަރާތްތައް މިއަދު ތިބީ އެހެން ގޮތަކަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި 07 ފެބްރުއަރީގެ ވާހަކަ އިތުރަށް ދައްކަން ވެއްޖެނަމަ އަޅުގަނޑުމެންގެ ގައުމުގައި ހަމަނުޖެހުމާއި، ހަލަބޮލިކަމާއި، މަސްލަހަތު ގެއްލުން ފިޔަވައި އިތުރު އެއްވެސް ކަމެއް ނުވާނެ. މިމަޖިލިސް ތެރޭގައި އެބަތިއްބެވި އެދުވަހު އެކި ކޮޅުކޮޅުގައި ތިއްބެވި ބޭފުޅުން. މިބޭފުޅުންގެ ތެރޭގައި އުފެދިފައިވާ، ގާއިމް ވެފައިވާ، އެކުވެރިކަމާއި، މަސްލަހަތާއި އެއްބާރުލުން ގެއްލިގެން ނުދާނެ ގޮތައް ގައުމުގެ ކަންކަން ބައްޓަން ކުރުމަކީ އަޅުގަނޑުމެން އެންމެންގެ މަސްއޫލިއްޔަތެއް." އިމްރާން ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ސަރުކާރާއި އިދިކޮޅު މެންބަރުން 07 ފެބްރުއަރީ އާއި ބެހޭ ގޮތުން ކުރި ގިނަ ސުވާލުތަކަށް ޖަވާބު ދެއްވަން މިނިސްޓަރ އިމްރާން ވަނީ ދެކޮޅު ހައްދަވާފައެވެ.

މިއަދުގެ ޖަލްސާގައި އިމްރާން ވިދާޅުވީ، އެދުވަހު ހިނގި ފަދަ ކަންކަން އަލުން ތަކުރާރު ވިޔަ ނުދިނުމަށްޓަކައި، ފުލުހުންނަކީ ހިތްހެޔޮ އޯގާތެރިބަޔަކަށް ހެދުމަށާއި ޒަމާނީ ފެންވަރުގެ ޚިދުމަތެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް ތަރައްޤީކޮށް އިންސާނީ ޙައްޤުތަކަށާއި، ޤާނޫނަށް އިޙްތިރާމް ކުރާ ބަޔަކަށް ހަދަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"އާދެ! މިއަދު ވަނީ ގައުމު އެއްބައިވަންތަ ކުރަން ޖެހިފައި. އެކުވެރި ކުރަން ޖެހިފައި. އެ ދުވަހުގެ [ފެބުރުއަރީ 7] ގެ ފަސް ބައި ނަގައި ކޮނެ ހަދައި، އަޅުގަނޑުމެންގެ ގައުމަށް ގެއްލުން ލިބިދާނެ ގޮތަކަށް ކަންކަން ބައްޓަންވެގެން ދިޔުމަކީ އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް ބޭނުންވާނެ ކަމެއް އަދި ރުހޭނެ ކަމެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.

އިމްރާން އިތުރަށް ވިދާޅުވީ ބަސްނޭހުމާއި ނުކިޔަމަންތެރިވުމަކީ އިންސާނީ ޠަބީޢަތުގައި ހުންނަ ސިފައެއް ކަމަށާއި އެކަން ބަދަލު ކުރަން ފުލުހުންގެ ތަމްރީންތަކަށް ބަދަލުތަކެއް ގެނެސް، އެކަމަށް ހާއްސަ އިސްކަމެއް ދެއްވަމުން ގެންދަވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ