ނިޔާވި މީހުން ވަޅުލާފައި - ފޮޓޯ: މިހާރު

ނިޔާވި ނޮޅިވަރަންފަރު ފަސް މީހުން އެއް ވަޅެއްގައި ވަޅުލައިފި

ހދ.ނޮޅިވަރަންފަރުން ފުރައިގެން އެއަތޮޅު ހަނިމާދޫއަށް ދަތުރުކުރަނިކޮށް ލޯންޗް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވި ފަސް މީހުން އެއް ވަޅެއްގައި، ހަނިމާދޫ ސަހަރާގައި ވަޅުލައިފިއެވެ.

ނިޔާވި ފަސް މީހުން ރޭ މެންދަމުން އަލިވެ 2:30 ހާއިރު ވަޅުލިއިރު، އެ މީހުންގެ ޖަނާޒާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި އެމީހުންގެ ޖަނާޒާގައި ބައިވެރިވުމަށްޓަކައި ނޮޅިވަރަންފަރުން ދިޔަ މީހުންވެސް ހިމެނެއެވެ.

ނިޔާވި ފަސް މީހުން - ފޮޓޯ: ސަން

ހިތާމަވެރި މި ހާދިސާގައި ނިޔާވެފައި ވަނީ ހުސައިން އަބްދުﷲ އާއި އޭނާގެ އަންހެނުން މަރިޔަމް މަނިކާއި، ދެމަފިރިންގެ ދަރިފުޅު ގުރައިޝާ އަބްދުﷲ އާއި އޭނާގެ ދަރިފުޅު އީރާ ހަސަން ޝިފާޒްގެ އިތުރުން، އައިޝަތު އަލީ އެވެ.

ނިޔާވި މީހުންގެ ޖަނާޒާގެ ތެރެއިން - ފޮޓޯ: މިހާރު

ކޮޅިގަނޑެއްގައި މި ލޯންޗު ބަންޑުންޖަހާލާފައިވަނީ، ޢާއްމުކޮށް ހަނިމާދޫ އެއާޕޯޓަށް ދަތުރުކުރާ ލޯންޗުތައް ވަދެ ނިކުތުމަށް ބޭނުންކުރާ ނެރު ނޫން ހަނިމާދޫ ދެކުނު ކޮޅާ ދިމާލުގައި އޮންނަ ނެރަކުން ވަންނަނިކޮށް ނެގި ބިޔަ ރާޅުތަކުގައި ޖެހިގެނެވެ.

މި ހާދިސާ ހިނގިއިރު ކެޕްޓަނާއެކު ލޯންޗުން 10 މީހުން ދަތުރުކުރިއިރު، ނިޔާވެފައިވަނީ ލޯންޗު ބަންޑުން ޖަހާލުމުން އޭގެ ތެރެއިން ނުނިކުމެވުނު މީހުންނާއި، އެމީހުން ސަލާމަތްކުރަން ދިޔަ ހުސައިން ޢަބްދުﷲ އެވެ.

މި ހާދިސާގައި އަނިޔާވި ފަސް މީހުންނަށް ހަނިމާދޫ ޞީއްޙީމަރުކަޒުގައި ފަރުވާދީފައިވާއިރު، އޭގެ ތެރެއިން ދެ މީހަކު މިހާރު ވަނީ ސިއްހީ މަރުކަޒުން ދޫކޮށްލާފައެވެ. ސިއްހީ މަރުކަޒުގައި ފަރުވާދެމުން އަންނަ މީހުން ތެރޭގައި މި ހާދިސާގައި ނިޔާވި އައިޝަތު އަލީގެ ފިރިމީހާ ހިމެނެއެވެ.

ހަނިމާދޫ ޞިއްޙީމަރުކަޒު ސަރަހައްދު - ފޮޓޯ: ނާދު

ޑިންގީ ބަންޑުން ޖަހާލުމުން ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް އަށް ދީފައިވަނީ ލޯންޗުގެ ކެޕްޓަން ފަތާފައި ގޮސް ހަނިމާދޫއަށް އަރައިގެންނެވެ. އަދި ހާދިސާގައި ސަލާމަތްވި މީހުންގެ މަސައްކަތުން ނިޔާވި މީހުންގެ ހަށިގަނޑުތައްވެސް ދުރަށް ދިޔަ ނުދީ ވާޖަހައިގެން ހިފެހެއްޓިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ހަނިމާދޫ ކައިރިއަށް ކޮޅިގަނޑެއްގައި ޖެހި ބަންޑުން ޖަހާލި ލޯންޗު - ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފް އިން ވިދާޅުވީ، މި ހާދިސާގެ ރިޕޯޓް ލިބުމާއެކު ވަރަށް އަވަސް ފުރުޞަތެއްގައި ހަނިމާދޫ ޕޯސްޓުގައި ތިބި ސިފައިން އެޓެންޑްކޮށްފައިވާ ކަމަށާއި، މޫދުން ނެގި މީހުންނަށް އަވަސް ފަރުވާވެސް ދީފައިވާ ކަމަށެވެ. އަދި މޫދުން ނެގި މީހުން ލައިފްޖެކެޓް އަޅާފައި ނުވާކަން އެމްއެންޑީއެފް އިން ވަނީ ފާހަގަކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ