ލ. ގަން މުކުރިމަގު ފިހާރައަކަށް ވަޅި ހިފައިގެން ވަދެ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ދާދި ދެންމެއަކު ބުނީ، ލ. ގަން މުކުރިމަގު ފިހާރައަކަށް މީހަކުވަދެ ފިހާރައިގެ ކައުންޓަރުގައި އިން ކުއްޖާއަށް ވަޅިން ބިރުދައްކައި ވަތްގަނޑުގައި ހުރި ފައިސާ ފޭރިގަތް މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފައި ވާކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން ފުލުހުން މިމައްސަލައިގައި ހައްޔަރުކުރި ދެވަނަ މީހަކީ އުމުރުން 49 އަހަރުގެ ދިވެހި ފިރެހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ވަޅި ހިފައިގެން ފޭރުމުގެ މިމައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އެންމެ ފުރަތަމަ ހައްޔަރުކޮށްފައިވަނީ އުމުރުން 28 އަހަރުގެ ދިވެހި ފިރެހެނެކެވެ.
ފިހާރައިން ފޭރިގަނެފައިވާ ފައިސާގެ އަދަދު ގާތްގަނޑަކަށް 4000 ހާއެއްހާ ރުފިޔާއަށް އަރާނެކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ. އަދި މިހާދިސާ ހިނގިއިރު އެފިހާރައިގައި ސޭޓަކަށްހުރީ އަންހެން ކުއްޖެކެވެ. މިކުއްޖާއަށް އެއްވެސް ގެއްލުމެއް ދީފައިވާކަމުގެ މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.




