ރާއްޖެއިން ބޭރުގައި ހިނގަމުންދާ ހަނގުރާމަތަކުގައި ބައިވެރިވުމަށް ރާއްޖެ ދޫކޮށް ގޮސްފައިވާ ބައެއް ފަރާތްތަކުގެ އާއިލާތަކުން، އެ ފަރާތްތައް އަނބުރާ ރާއްޖެ ގެނެސްދިނުމަށް އެދެމުންދާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފް އިން މިކަން ހާމަކުރައްވާފައިވަނީ މިހާރު ކުރިއަށްދާ އެމްއެންޑީއެފްގެ ޚާއްޞަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ މިހާރު ވަރަށް ގިނަ އާއިލާތަކުން އެމްއެންޑީއެފް އަށް ގުޅާ ހަނގުރާއަމައަށް ގޮސް ތިބި އެމީހުންގެ އާއިލާ މެންބަރުން މިހާރު ދިރިއުޅެމުން ދަނީ ވަރަށް ހާލުގައި ކަމަށް ބުނެ އެމީހުން ރާއްޖެ ގެނެސްދިނުމުގެ އިންތިޒާމްތައް ހަމަޖައްސައިދިނުމަށް އެދެމުންދާ ކަމަށެވެ.
އެނބުރި ރާއްޖެ ގެނެސްދިނުން އެދި "ހައެއްކަ ފަރާތަކުން" އެމްއެންޑީއެފް އަށް ގުޅަމުން ގެންދާ ކަމަށާއި، އޭގެތެރޭގައި އަންހެނުންނާއި ކުދިންވެސް އެބަތިބި ކަމަށް ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވިއެވެ. އަދި އެމީހުންގެ އަތުގައި އައިޑީކާޑެއް ނުވަތަ އެފަދަ އެއްވެސް ލިޔުމެއް ނެތުމުން އެމީހުން ރާއްޖެ ގެންނަން ވަރަށް ގިނަ ދަތިތައް އެބަހުރި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ދައުލަތުގެ ޒިންމާ އަޅުގަނޑުމެންގެ ބޮލަކުން ނައްޓައެއް ނުލެވޭ. ކަމާގުޅުން ހުރި ދާއިރާތައް، އިމިގްރޭޝަން، ފޮރިން މިނިސްޓްރީ އަދި ފުލުހުންނާއި ވެސް ގުޅިގެން މަސައްކަތް ކުރަމުން މިގެންދަނީ." ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވިއެވެ.
ރާއްޖެއިން ހަނގުރާއަމަށްދާ ދިވެހިން އެކަން ކުރުން ހުއްޓުވުމަށް އެހެނިހެން މަސައްކަތްތައްވެސް ކުރަމުންދާކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.