ވަޒީފާދޭ ފަރާތްތަކުން ފްލެކްސިބަލް ގޮތްތަކެއްގެ ތެރެއިން އަންހެނުން ވަޒީފާއަށް ނިކުތުމަށް މަގުތައް ކޮށާދޭންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވެފައި ވަނީ އެމް.ޑީ.ޕީ ޒުވާނުންގެ ކޮންގްރެސް 2019 ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ވާހަކަ ފުޅުދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވެފައި ވަނީ ޒުވާނުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ވަޒީފާގެ މައްސަލަތައްކަމަށާއި، ޒުވާނުން ވަޒީފާގެ ބާޒާރަށް ނުކުންނަށްޖެހޭ ކަމަށެވެ. އަދި ހަމައެހެންމެ، ވަޒީފާދޭ ފަރާތްތަކުންވެސް ފްލެކްސިބަލް ގޮތްތަކެއްގެ ތެރެއިން އަންހެނުން ވަޒީފާއަށް ނިކުތުމަށް މަގުތައް ކޮށާދޭންޖެހޭކަމަށެވެ.
މިސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރެވިފަވާނީ މި ޤައުމުގެ ޒުވާނުންގެ މުސްތަޤުބަލުގެ އުއްމީދުތައް ފުރިހަމަވާ ގޮތަށް ވިސްނައިގެންކަމަށާއި، ބެލެނިވެރިން އަދި ޒުވާނުން ދަރަނިވެރިނުވެ، އަމިއްލަ ވިޔަފާރިވެރިއަކަށް ސަލާން ނުޖަހާ ކިޔަވާ ނިމިގެން، މަތީތަޢުލީމާ ތަމްރީނު ލިބޭނެ މަގަށް ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުންވެސް މި ރަސްމިއްޔާތުން ފެންނަ މަންޒަރަކީ، އަޅުގަނޑުމެން މިކުރާ ޑިމޮކްރެސީގެ ދަތުރުގަ މި ޤައުމުގެ ޒުވާނުންނަށް ފުރުޞަތު ދީގެން އަންނަން އޮތް ޖީލުތަކުގަ މި ޤައުމު ހިންގާނެ ޒުވާން ލީޑަރުން އުފައްދާ ސިޔާސީ މައިދާނުން ޖާގަ ހޯދައިދިނުމަށް ކޮށްފައިވާ މަސައްކަތުގެ ނަތީޖާ ކަމުގައިވެސް ރައީސް ވަނީ ވިދާލުވެފައެވެ.
މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވެފައި ވަނީ ޖަލުތަކުގެ އާބާދީގެ %65 އަކީ ޑްރަގް މައްސަލަތަކުގާ ޖަލަށް ލާފައިވާ މީހުން ކަމަށާއި އަދި ގިނައީ ޒުވާނުން ކަމަށެވެ. ސަރުކާރުގެ އަމާޒަކީ ޖަލުތަކުގެ ނިޒާމަށްވެސް ރީހެބިލިޓޭޝަން ތަޢާރަފްކޮށް ޒުވާނުންނަކީ ބަސްވިކޭ ހަރުދަނާ ބަޔަކަށް ހަދައި އިޖްތިމާޢީ ބޭއިންސާފުގެ ޝިކާރައަށްވެފައިވާ ކުދިންނަށް އިންސާފު ހޯދައިދިނުންކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.



