އައްޑޫ ސިޓީ، ހިތަދޫ ސަރަހައްދުން ސައިކަލަކުން ވެއްޓުނު މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.
ފުލުހުން ވިދާޅުވީ، 47 އަހަރުގެ މި މީހާއަށް އަނިޔާވެފައިވަނީ އައްޑޫ ސިޓީ، ހިތަދޫ ބަނދަރު ސަރަހައްދުން ސައިކަލެއްގައި ދަނިކޮށް ހިތަދޫ ޕޯޓް ސަރަހައްދު މޫދާ ދިމާލު ހިލަ ތޮށިގަނޑު މައްޗަށް ވެއްޓިގެން ކަމަށެވެ.
އެމީހާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
"ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި އެމީހާއަށް ދަނީ ފަރުވާދެމުން. އެމީހާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދެއްވާ." ފުލުހުން ވިދާޅުވިއެވެ.
މި ހާދިސާގައި އަނިޔާވި މީހާއަށް އިތުރު ފަރުވާ ދިނުމަށްޓަކައި މާލެ ފޮނުވާލުމުގެ މަސައްކަތް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން އަންނަނީ މިހާރު ކުރަމުންނެވެ.
މި މައްސަލަ އިތުރަށް ތަޙްޤީޤު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.



