2012 ވަނަ އަހަރުގެ ނޮވެމްބަރ 16 ވަނަ ދުވަހުގެ ރޭ ފަތިހު ހޮނޑައިދޫން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހައްޔަރުކުރީ ކުށެއްކޮށްގެން ނޫންކަމަށް ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު މިހެން ވިދާޅުވީ ހިއުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނުނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކާއި ގުޅޭ ގޮތުން މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"އަޅުގަނޑު ހަނދާނަށް އަންނަނީ ބޮޑުތިލަދުންމަތީ ހޮނޑާދޫގައި އަޅުގަނޑާއި ދައުލަތުގެ ބައެއް އިއްޒަތްތެރިން ހައްޔަރުކުރި ދުވަސް. އެދުވަހު ހިއުމަން ރައިޓްސް ކޮމިިޝަނުގެ ބޭފުޅުން ވަލުދޮރާށިން ވަދެ ތިބިކަން ވަރަށް ސާފު." ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ، ދައުލަތުގެ އިއްޒަތްތެރިއެއް ކަމަށްވާ އިބްރާހިމް ހުސެއިން ޒަކީ އާއި ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާން އިބްރާހިމް ޒުހައިރު އަދި އޭރު ހެންވޭރު ދެކުނު ދާއިރާގެ މެންބަރަކަށް ހުންނެވި ޙާމިދު އަބްދުލްޣައްފޫރު ގައިގައި ތަޅާ އަނިޔާކޮށް ހައްޔަރުކުރީ ސަންރައިޒް ބަލާލަން ތިއްބާ ކަމަށެވެ.
ދައުލަތުގެ އިއްޒަތްތެރިންތަކެއް ހޮނޑައިދޫން ހައްޔަރުކުރީ އޭރުގެ ޑިފެންސް މިނިސްޓަރާއި، ހޯމް މިނިސްޓަރާއި ރައީސް ވަހީދު ބޭރުކުރަން އުޅުނީމަ ކަމަށް ޖާބިރު މިއަދު ވިދާޅުވިއެވެ.
"އެކަން ކުރި ބޭފުޅުން ހިއުމަންރައިޓްސް އޭކިޔައިގެން އަނގަހުޅުވަންވެސް މިއަދު ލަދުގަންނަންޖެހޭނެ، އެއީ ކޮންބައެއްކަން މިއަދު ދައްކަން ނުޖެހޭވަރަށް އެއީ ކޮންބައެއްކަން އޭރުންސުރެއް އަޅުގަނޑު ވާނީ ދައްކާފައި." ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ، ހުރި ތަނަކުން ހޯދައި، ދަމާ ކޫއްތާ ގެނެސް ކުރީގެ ރައީސް ވަހީދު ޖަލަށް ލާނެ ކަމަށާއި، މަޖިލީހަށް ވަޑައިގެންނެވީވެސް އެކަން ކުރައްވަން ކަމަށެވެ.
ޖާބިރު އިތުރަށް ވިދާޅުވީ، ފުލުހުންނާއި، ސިފައިންނަށް މަޢާފްކޮށްފިން ކަމަށާއި، ނަމަވެސް ވަހީދު ޖަލަށް ލާންޖެހޭ ކަމަށެވެ. އަދި ބަދަލުގެ ގޮތުގައި ފައިސާ ބޭނުންނުވާ ކަމަށާއި، ބަދަލުވެސް މަޢާފްކުރާ ކަމަށް ޖާބިރު ވިދާޅުވިއެވެ.




ހިޔާލު
Ey bro gabool kohbae .. aharemen ai sunrise balaashey .. e fulhiyga huri juice ey .. bro pls